ޚަބަރު

ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމާގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ޔުނެސްކޯއާއެކު މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގައި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރގެ އޭޝިއާ އަދި ޕެސިފިކް ޔުނިޓުގެ އިސްވެރިޔާ ޑރ. ޖިންގް ފެންގްއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރާއްޖޭގައި ހިރިގަލުން ހަދާފައިވާ މިސްކިތްތަކަކީ ރާއްޖޭގެ ސަޤާފަތާއި ތާރީޚާއި ގުޅޭ އަދި ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އާސާރީ ބިނާތަކެއްކަމަށްވާއިރު، އެތަންތަން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ 6 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި މިހާރު ހިމަނާފައިވާއިރު، ވަގުތީ ލިސްޓުން ދާއިމީ ލިސްޓަށް ބަދަލުވުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.


ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޔުމްނާ ޕެރިހަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ވަނީ، ކަލްޗަރަލް މިނިސްޓަރުންނަށް ޚާއްސަކޮށްގެން ބޭއްވި ފޯރަމާއި، ޔުނެސްކޯގެ ކަލްޗަރަލް ކޮމިޝަންގެ ބައްދަލުވުމުގައި ދާރުލްއާސާރުތައް ކުރިއެރުވުމާއި، މުޖުތަމަޢުގައި ފަންނުވެރިންނަށް ދެވޭ ދަރަޖައާއި ގުޅޭގޮތުން ކުރިއަށްދިޔަ މަޝްވަރާ ސެޝަންގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޔުނެސްކޯގެ ކަލްޗަރަލް ކޮމިޝަން ބައްދަލުވުމުގައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހަކީ 'ވޯލްޑް އާޓް ޑޭ' ނުވަތަ ދުނިޔޭގެ ފަންނުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށާއި، ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހަކީ 'އިންޓަރނޭޝަނަލް ޑޭ އޮފް އިސްލާމިކް އާޓް' ނުވަތަ އިސްލާމީ ފަންނުވެރިކަމުގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަނީ ފާސްކޮށްފައެވެ.