ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންއެވެ. މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ދުވަސްވަރެކެވެ. ފަތުރުވެރިކަމުގެ ޕީކް ސީޒަންއާއި ކުރިމަތިލާފައިވާއިރު ގެސްޓްހައުސްތަކާއި ރިސޯޓްތަކަށް މިހާރު ވަނީ ބާރުބޮޑުވެފައެވެ.
ސްކޫލް ބޮޑު ބަންދަކީ ގިނަ އަދަދެއްގެ ދިވެހިން ރާއްޖޭގެ އެކި ހިސާބުތަކަށާއި ރަށުން ބޭރަށްދާ ދުވަސްވަރެކެވެ. އަނެއްކޮޅުން ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމުން މި ދުވަސްވަރު ފަތުރުވެރިން އައިސް ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކާއި މި ނޫންވެސް ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަންވެސް ފުރާލައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑްވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގެސްޓްހައުސް ހިންގާ ފަރާތްތަކުން ބުނީ ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ގެސްޓްހައުސްތަކަށް އެންމެ ބޮޑަށް ފައިދާވާ ދުވަސްވަރުކަމަށެވެ. މިހާރުވެސް ގިނަ ގެސްޓްހައުސްތައް ފުރިފައިވާކަމަށް އެފަރާތްތަކުން ބުނެއެވެ.
ސްކޫލް ބަންދުވުމާއިއެކު ގިނަ އަދަދެއްގެ ދިވެހިންވެސް އާއިލާއާއި ރަހުމަތްތެރިންނާއިއެކު ޗުއްޓީ ހޭދަކޮށްލަން އަންނަކަމަށް ގެސްޓުހައުސްތައް ހިންގާ ފަރާތްތަކުން ބުނެއެވެ. އަދި ގިނަފަހަރު ފަހަށް ބުކްކުރަން މަޑުކުރާ ފަރާތްތަކަށް ޖާގަވެސް ނުލިބޭކަން އެމީހުން ފާހަގަކުރެއެވެ. ޑިމާންޑް ބޮޑުވާ ދުވަސްވަރާއި ދިމާކޮށް ގެސްޓްހައުސްތަކުން އަންނަނީ ޚާއްސަ ޕެކޭޖުތައްވެސް ތަޢާރަފްކުރަމުންނެވެ.
ޗުއްޓީ ހޭދަކޮށްލަން ރައްރަށަށްދާ މީހުން އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ ރަށްރަށުގައި އަގުހެޔޮކޮށް ތިބެވޭނެ ގެސްޓުހައުސްފަދަ ތަންތަން ހުރުމުންކަމަށް ބެލެވެއެވެ. އަދި ދަތުރުފަތުރުގެ ފަސޭހަކަމާއެކު އަމިއްލައަށް ހުރިހާ ކަމެއް ހަމަޖައްސާލައިގެން ދަތުރުދާ މީހުންވެސް މިހާރު މަދެއް ނޫނެވެ.
ގެސްޓްހައުސްތަކުގެ އިތުރުން ޕީކް ސީޒަންގައި ރިސޯޓްތަކަށް އޮންނަ ޑިމާންޑްވެސް ބޮޑެވެ. އާންމުގޮތެއްގައި ރާއްޖޭގެ ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަންދަނީ ފަތުރުވެރިންނެވެ. ނަމަވެސް ބައެއް ރިސޯޓްތަކުން ދިވެހިންނަށް ޚާއްސަ ޕެކޭޖްތައް ސްކޫލް ބަންދާއި ދިމާކޮށް ތަޢާރަފްކުރާތީ އެފަދަ ރިސޯޓްތަކަށްދާ ދިވެހިންވެސް އިތުރެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު ރިސޯޓްތައްވެސް ވަނީ ފުލްވެފައެވެ. އާއްމުގޮތެއްގައި ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރުމަށް ރައްޓެހިންނާއި، އާއިލާތައްދާއިރު، ރިސޯޓްތަކަށް އާއްމުގޮތެއްގައި ދަނީ ދެމަފިރިންނާއި ކުޑަ އާއިލާތަކެވެ.