ޚަބަރު

ބަޖެޓް ތަންފީޒު ކުރައްވާނެ ކަމުގެ އިތުބާރު ރައީސަށް އެބައޮތް - އިދިކޮޅު ބައެއް މެމްބަރުން


އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ބަޖެޓެއްކަމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. ބަޖެޓަށް މަޖިލީހުގައި ހިމެނޭ މެންބަރުން ބަހުސްކުރުމަށް ހުޅުވާލި ފުރުޞަތުގައި 80 މެމްބަރުންވަނީ ބަޖެޓަށް ބަހުސްކޮށްފައެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކުވެސް އެދާއިރާއެއްގައި އަންނަ އަހަރަށް ކަނޑައަޅާ ކަންތައްތަކާއި، ހިމެނުމަށް މަސައްކަތް ކުރާ ކަންތައްތަކަށް ބާރު އަޅުއްވައި ވާހަކަ ދައްކަވާފައިވެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ބަޖެޓަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައި އެކި ރަށްރަށުގައި 900 އަށްވުރެ ގިނަ މަޝްރޫޢު ހިންގުމަށް ޕީއެސްއައިޕީ ބަޖެޓްގެ ގޮތުގައި 10 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ތަންފީޒުކޮށް އޭނާ ނިސްބަތްވާ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި ހުރި ކަންކަން ތަންފީޒު ކޮށްދެއްވާނެ ކަމުގެ އިތުބާރު ރައީސުލްޖުމްހޫރިއްޔާއަށް އެބައޮތްކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ފާޑުވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް 5 އަހަރުގެ ދައުރެއް ދޭންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓްބަހުސްގައި ބަޖެޓާމެދު ހިންހަމަ ނުޖެހުނު ބައެއް މެމްބަރުންނަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ ބަޖެޓުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ސަރުކާރުގެ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާފައިވާކަމަށެވެ. 2012 ވަނަ އަހަރުގެ ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ތަރައްޤީގެ ނަމުގައި ހިންގާފައިވާ ބައެއް މަޝްރޫޢުތަކަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ ބުރިޖް އެޅިކަމުގައި ވީނަމަވެސް، އަދި އިމާރާތެއް ހެދި ކަމުގައި ވީނަމަވެސް އަދި އެހެން މަސައްކަތެއް ކުރިނަމަވެސް އޭގެ ޑަބަލް ފައިދާ މަސައްކަތް ކުރާ ފަރާތަށް ލިބޭ ގޮތަށް ކުރުމަކީ ޤަބޫލުކުރެވޭ ކަމެއްނޫންކަމަށެވެ. އަދި އެފަދަ ފަރާތްތަކުން މިއަދު މިބަޖެޓަށް ފާޑުވިދާޅުވުމަކީ ހައިރާންވާ ކަމެއްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ބަޖެޓްގައި ހުރި ކަންކަމަށް ތަންފީޒު ކުރެވިއްޖެނަމަ ކާމިޔާބް ބަޖެޓަކަށް ވާނެކަމަށެވެ. އަދި މި ބަޖެޓަކީ ރައްޔިތުންނަށް ފައިދާކުރާނެ އިތުރު ތަރައްޤީތަކެއް ގެނެވޭނެ ބަޖެޓެއްކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަޖެޓަށް ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ ބަޖެޓަށް ވަރަށްބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި މިބަޖެޓަކީ ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ރަށްރަށުގެ ތަރައްޤީ އެންމެބޮޑަށް ގެނެވޭނެ ގޮތަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މިބަޖެޓަކީ ޖުމްލަކޮށް ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގެނެވުވާނެ ބަޖެޓެއްގެ ގޮތުގައި މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވަނީ މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އަންނަ އަހަރުގެ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ހައުސިންގ އާއި ތިމާވެށީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި ސިނާއީ މަޝްރޫއުތައް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރެވޭ އަހަރަކަށް އަންނަ އަހަރު ހެދުމަށެވެ.