ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ފަޑިޔާރުކަމުގެ މަޤާމުން ވަކިކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ ފަޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާއެކުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީއާއި ގުޅޭގޮތުން ބަލަމުންދިޔަ ސްލޫކީ މައްސަލަތައް ނިންމައި އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކޮށް އާދަމް މުޙައްމަދު މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އާދަމް މުހައްމަދާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދިޔަ ސުލޫކީ މައްސަލާގައި 2 ފަހަރެއްގެ މަތިން ކޮމިޝަނަށް ވަޑައިގެން މައުލޫމާތުވެސް ދެއްވާފައިވެއެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދިޔައީ ސުލޫކީ މައްސަލަތަކެއް ގޮތުގައި ބެލޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި އޭނާ ވަނީ ފަހުން އެ ކޮމިޝަނަށް ވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފައެވެ.

އުއްތަމަ ފަޑިޔާރުގެ މައްޗަށް ތަޙްޤީޤު ކޮމެޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ ޢަމަލުތަކެއްކަމަށް ވުމުން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުންނެވެ.