ޚަބަރު

ހަކުރު ބަލިން ރައްކާތެރިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް މުހިންމު


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަކުރު ބަލީގެ ދުވަހެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ދިވެހިންނަށް ކުރިމަތިވާ އެއް ސިއްޙީ މައްސަލައެވެ. މި ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރު ކުރުންކަމަށް ޑޮކްޓަރުން ލަފާދެއެވެ.

ހަކުރު ބައްޔަކީ ހަށިގަނޑުގައި، ނުވަތަ ލޭގައި ގުލްކޯޒް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުންޖެހޭ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ނުވަތަ އެ އިންސިއުލިން މަސައްކަތް ނުކުރުމުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހަކުރުގެ މިންވަރު އިތުރުވެއެވެ.

ހަކުރު ބަލި ހުންނަ މީހަކު އާއިލާގައި ހުންނަ ނަމަ އެބަލި އާއިލާގެ އެހެން މީހުންނަށް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ހަކުރު ބަލި ގިނައިން ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި މާބޮޑަށް ހަށިގަނޑު ބަރުވުން ނުވަތަ ފަލަވުންވެސް ހިމެނެއެވެ. އަދި ދިރިއުޅުމުގެ އާދަތައް ހުންނަގޮތުންވެސް މި ބައްޔަށް މަގުފަހިވެއެވެ. އެގޮތުން މާގިނައިން ކެއުމާއި، ހެލިފެލިވެ ނުއުޅުމާއި، މާގިނައިން ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވުމާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް ހަކުރު ބަލިޖެހުމަށް މަގުފަހިވާ ކަންކަމެވެ.

ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމާއި ވަރުބަލިވުމާއި ބޯ އެނބުރުމާއި، ކެނޑޭ ތަންތަން ނުވަތަ ފާރުވާ ތަންތަން ފަސޭހަވުމަށް ގިނަ ދުވަސް ނެގުމާއި، ލޮލުގެ ފެނުމަށް ދަތިވެ ފުސްވުމާއި، ބަނޑުހައިވުމާއި، އާދަޔާ ޚިލާފައި ފެންބުއިންފަދަ ކަންތައްތައް ހިމެނެއެވެ.

ހަކުރު ބަލިޖެހި ގިނަދުވަސްވެ ފަރުވާ ނުދެވިއްޖެނަމަ ހަށިގަނޑުގެ ނާޒުކު ނާރުތަކަށް ގެއްލުންވުމާއި، ލޮލުގެ ފެނުމަށް ގެއްލުންވުމާއި، ހަމުގެ ބަލިތައް ޖެހުންފަދަ ކަންކަން ކުރިމަތިވެއެވެ. ޚާއްސަކޮށް މާބަނޑުމީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާހޯދާ މީހުންނަށް މީގެ އަސަރު ކުރާވަރު ބޮޑެވެ.

ހަކުރު ބަލީގެ ފަރުވާ

ހަކުރު ބަލި ނުވަތަ ހަކުރު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރަނީ ގުޅަ ބޭހާއި އިންސިއުލިން އިންޖެކްޝަނެވެ.

ހަކުރު ބަލީގެ ޓައިޕް ވަން ހުންނަ މީހުންނަށް ދެވޭ މައިގަނޑު ފަރުވާއަކީ އިންސިއުލިން އިންޖެކްޝަންއެވެ. ހަކުރު ބަލީގެ ދެވަނަ ވައްތަރު ހުންނަ މީހެއް ނަމަ އެފަރާތްތަކުން ސަމާލްކަންދޭންޖެހޭނީ ޑޮކްޓަރުގެ ބޭސް ބޭނުންކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރުމެވެ.

ހަކުރު ބައްޔަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި އެންމެ އާއްމު އެއް ބައްޔެވެ. ރާއްޖޭގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ 100 މީހަކުން އެކަކީ ހަކުރު ބަލި ހުންނަ މީހެކެވެ.

ބަރުދަން އިތުރުވުމަކީ މި ބައްޔަށް އެންމެ ބޮޑަށް ހުށައެޅޭ އެއްކަމަށްވާއިރު، ރާއްޖޭގައި ކޮންމެ 10 މީހަކުން 8 މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރު މީހުންނެވެ. މިއީ ރާއްޖޭގެ އާބާދީގެ %80 އަށްވުރެ ބޮޑު މިންވަރެކެވެ.

ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭނެ ބައްޔެއް ނޫންނަމަވެސް، ކޮންޓްރޯލްކޮށް ބަލީގެ ގެއްލުން ކުޑަކުރެވިދާނެ ބައްޔެކެވެ. ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހަކުރާއި ކާބޯހައިޑްރޭޓްސް ބޭނުންކުރާ މިންވަރު މަދުކޮށް ވިޓަމިންއާއި ޕްރޮޓީންގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުން މުހިންމެވެ. އަދި ޤަވާއިދުން ބޭސް ބޭނުންކުރުމާއި، ކަސްރަތުކުރުމާއި، ފިކުރު ބޮޑުވުމާއި ހާސްކަމުން ދުރުހެލިވުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން ހިމެނެއެވެ.