ވިޔަފާރި

އެމްއައިބީން ހިއްސާގަތް ހުރިހާ ފަރާތަކަށް ހިއްސާ ޖަމާކޮށްދީފި


މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާގަތް ހުރިހާ އިންވެސްޓަރުންގެ ހިއްސާ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީޒްގެ (އެމް.އެސް.ޑީ) އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް އެ ބެންކުން ބުނެފިއެވެ.

ޢިސްލާމިކް ބެންކުން ބުނީ ކޮންމެ އިންވެސްޓަރަކު ގަނެފައިވާ ހިއްސާ އާއި ބެހޭ މަޢުލޫމާތު އެމީހެއްގެ އިދާރާއެއްގެ ނުވަތަ ކުންފުނީގެ ނަމުގައި އެމް.އެސް.ޑީ ގެ އެކައުންޓުން މިހާރު ލިބެން ހުންނާނެކަމަށެވެ. އަދި އިސްލާމިކް ބޭންކުގެ ހިއްސާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ގަނެވިއްކުމަށް ކަނޑައަޅާފައިވާ ތާރީޚަކީ މިމަހުގެ 17 ކަމަށްވެސް އެ ބެންކުން ބުނެއެވެ.

އެމްއައިބީއިން މުޅިން އަލަށް ހިއްސާ ވިއްކާފައިވާއިރު، ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

އެމްއައިބީއިން ބުނީ އެކުންފުނިން ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހިއްސާ ގަތުމަށް 16146 ފަރާތަކުން 17713 ފޯމް ހުށަހަޅާފައިވާކަމަށެވެ. އެމްއައިބީން ބުނީ މިއީ ހިއްސާ ވިއްކައިގެން ލިބޭނެކަމަށް ލަފާކުރި 112 މިލިއަން ރުފިޔާއާ އަޅާބަލާއިރު %46.05 އިތުރު އަދަދެއްކަމަށެވެ.

އެމްއައިބީއިން ހިއްސާ ވިއްކުމަށް ފުރަތަމަ ހުޅުވާލީ ޖުލައި މަހުގެ 28 އިން ފެށިގެން ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ. އެހެންނަމަވެސް ބޭންކުން ވަނީ ގިނަ އާންމުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ސެޕްޓެމްބަރު މަހުގެ 22 ނިޔަލަށް ހިއްސާ ވިއްކާފައެވެ.