މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މީރާއަށް 927.61 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެއޮތޯރިޓީން ބުނެފިއެވެ.
މީރާއިން ޢާންމުކޮށްފައިވާ އޮކްޓޯބަރ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރުމަހު އެ އިދާރާއަށް ލިބުނު އާމްދަނީވަނީ %10.1 ދަށްވެފައެވެ. ނަމަވެސް، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި ޢަދަދަށްވުރެ %6.8 އިތުރު އަދަދެކެވެ.
ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ ދަށްވެފައެވެ.
މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެބޮޑުބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 554.88 (ފަސްސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް އަށެއް އަށެއް) މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 79.07 (ހަތްދިހަ ނުވައެއް ޕޮއިންޓް ސުމެއް ހަތެއް) މިލިއަން ރުފިޔާއެވެ.
މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި 53.03 (ފަންސާސް ތިނެއް ޕޮއިންޓް ސުމެއް ތިނެއް) މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 51.12 (ފަންސާސްއެކެއް ޕޮއިންޓް އެކެއް ދޭއް) މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 50.37 (ފަންސާސް ޕޮއިންޓް ތިނެއް ހަތެއް) މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 139.14 (ސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް އެކެއް ހަތަރެއް) މިލިއަން ރުފިޔާ މީރާއަށްވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ އެއަހަރު ލިބުނު ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަރޝަން ފީގެ ގޮތުގައި ލިބުނު ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއަކަށްވާތީކަމަށް މީރާއިން ބުނެއެވެ.
މި އަހަރުގެ އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ފަހުން ދައްކާފައިވާތީ ކަމަށް މީރާއިން ހާމަކުރެއެވެ. މި ފައިސާ އަކީ އޮކްޓޫބަރު މަހުގެ ތެރޭގައި ލިބޭނެކަމަށް ކުރިން އަންދާޒާކޮށްފައިވާ ފައިސާއެއްނޫނެވެ. މިއަހަރުގެ އޮކްޓޫބަރު މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 35.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.