ރާއްޖެއަށް ދުނިޔޭގެ އެކި ޤައުމުތަކުން ޑައިރެކްޓް ފްލައިޓްތައް އިތުރަށް ގެނައުމަކީ މުހިންމު ކަމެއްކަމަށާ، އޭގެސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދެގުނައަށް އިތުރުވެގެންދާނެކަމެއްކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޠައްޔިބު ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތައް ހޯދަމުންދާއިރުވެސް އެކުންފުނީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ އެއާޕޯޓާ ގުޅުން ކުޑަވުންކަމަށެވެ.
ތޮއްޔިބު ވިދާޅުވީ އެމްއެމްޕީއާރްސީން ފަތުރުވެރިކަން އިސސްތިހާރުކުރުމަށް ގިނަ ކެމްޕެއިންތަކެއް ކުރިއަށްގެންދިޔަނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރަނީ މައި އެއާޕޯޓުކަމަށެވެ. އެހެންކަމުން، ގިނަ މަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން ގެނެވޭނީ އެމަންޒިލްތަކަށް ޑައިރެކްޓް ފްލައިޓްތަކެއް ފަށައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ކިތަންމެ ވަރަކަށް ޚަރަދުކޮށްގެން ކިތަންމެ ވަރަކަށް މާކެޓްކުރިނަމަވެސް ބޭރު ޤައުމުތަކުން މިތަނަށް އަންނަން ޖެހޭނީ ހަމަ އެއާޕޯޓަށް. އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ މިހާރު އިންޑިއާ. %110 ގެ ޢަދަދަކަށް މިދިޔަ އަހަރު އެ އިތުރުވީ. މި އިތުރުވުމަކީ ކަނެކްޓިވިޓީ. އިންޑިއާގެ ތިން އެއާލައިނެއް މިހާރު ރާއްޖެއަށް އެބަދަތުރުކުރޭ. މި އެނގޭ އެއްޗަކީ އެއާލައިންތަކަށް ފުރުސަތު ލިބުނީމަ ފަތުރުވެރިން އިތުރުވެގެންދާނެއޭ. އެހެންވީމަ އެއާޕޯޓު ވީހާވެސް އަވަހަކަށް ރަނގަޅުވެއްޖިއްޔާ މިހާރު އަންނަ ފަތުރުވެރިންގެ ޢަދަދު ދެގުނައަށް އަރާނެކަމުގެ އެއްވެސް ޝައްކެއްނެތް. " ތޮއްޔިބު ވިދާޅުވިއެވެ.
ދާދިފަހުން އެމްއޭސީއެލްއިންވަނީ ގަލްފްއެއަރއާއި އެއާ އިޓަލީއިން ރާއްޖެއަށް ޝެޑިއުލްދަތުރުތައް ފަށާފައެވެ. ތޮއްޔިބު ވިދާޅުވީ މިއީ މުހިންމު ފިޔަވަޅެއްކަމަށާ، މިހާރު ވެސް މެދުއިރުމައްޗަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ނިސްބަތުން މަދު ނަމަވެސް އެންމެބޮޑު އާމްދަނީއެއް ލިބޭ ސަރަޙައްދުކަމަށެވެ. އެހެންކަމުން މެދުއިރުމަތިން އިތުރު ފްލައިތްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް މިޑްލްއީސްޓުން ފުދޭވަރަކަށް ރަނގަޅު ފަތުރުވެރިންނެއް ލިބޭނެ. މިހާރު އެރައިވަލްސް މަދުނަމަވެސް އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ އެއް ފަރާތް މެދުއިރުމައްޗަކީ. މިދިމާލުން އެއާލައިންތަކަށް އޮތް ގޮނެޖެހުން ވަރަށް ބޮޑު. އަޅުގަނޑުމެންނަށް އަޑުއިވިފައިވާގޮތުން މަލިންޑޯ އެއާލައިންއިން ދަތުރުތައް ފެށުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މިއީ ސައުތް އީސްޓް އޭޝިއާއިން ކަނެކްޓިވިޓީ ލިބޭ އެއްޗެއް. މިހާރު ބަޖެޓް އެއާލައިންއަކަށް އަންނަނީ އެއާ އޭޝިއާ އެކަނި. މިނޫން ގޮތެއް އަޅުގަނޑުމެން ބޭނުން. އަންނަ އަހަރުވެސް ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން." ޠައްޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުގައި 24 ފެއަރ، 33 ސިޓީއެއްގައި ފޭމް ޓްރިޕް އަދި އެކި ކުންފުނިތަކާގުޅިގެން 5 ޖޮއިންޓް ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.