ވިޔަފާރި

އޭއައިއައިބީގެ އޮނިގަނޑާ ގުޅޭ އެއްބަސްވުމުގަ ރާއްޖެ ސޮއިކޮށްފި


ޗައިނާ އިސްވެ އޮވެ އުފައްދާ އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު ގެ ޤާނޫނީ އޮނިގަނޑާއި ބޭންކުގެ ކަންތައްތައް ހިގާނެ ގޮތުގެ އޮނިގަނޑު ބަޔާން ކުރާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިއެވެ.މިއަދު ޗައިނާގެ ބެއިޖިންގ ގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އަބްދުއްﷲ ޖިހާދެވެ. އޭޝިއާ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭއައިއައިބީގެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަންސާސް ހަތް ޤައުމުގެ ތެރެއިން ފަންސާސް ޤައުމަކުން މިއެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްްފައެވެ. ބާކީ ތިބި ހަތް ޤައުމަށް އަދި ޑޮމެސްޓިކް އެޕްރޫވަލް ލިބިފައިނުވާ ކަމަށް ޗައިނާ އިން ހާމަކުރެއެވެ.ސަތޭކަ ބިލިއަން ޑޮލަރުގެ ރައުސުލްމާލަކާއެކު ފަށާ މިބޭންކުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކަށް ފަންޑު ކުރެވިގެންދާނެ ކަމަށް ޗައިނާއިން ހާމަކުރެއެވެ.އޭއައިއައިބީގެ ފައުންޑަރ މެމްބަރުންގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ހަތަރު މެމްބަރުން ހިމެނޭއިރު، ޔޫރަޕްގެ އިއްތިހާދުގެ 14 ގައުމަކާއި އޯގަނައިޒޭޝަން ފޮ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ކޯޕަރޭޝަން، އޯއީސީޑީގެ އެކާވީސް ގައުމު ހިމެނެއެވެ.އެބެންކުގެ ފައުންޑިންގ މެމްބަރަކަށް ރާއްޖެ ހަމަޖެހުމަކީ، ރާއްޖޭގައި ހިންގާ ބިޔަ ބޮޑެތި މަޝްރޫއުތަކަށް މާލީ އެހީ ލިބިގެންދިއުމަށް މަގު ތަނަވަސްވެގެންދިއުން ކަމަށާއި، ދުނިޔޭގެ އިގްތިސާދީ ބޮޑެތި ނިންމުންތައް ނިންމުމުގައި ބަސްބުނުމުގެ ބާރެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.އަންނަ އަހަރު ކުރީކޮޅު އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު ރަސްމީކޮށް ހުޅުވިގެންދިއުމާއެކު މެމްބަރ ގައުމުތަކަށް ފޯރުކޮށްދޭ އެހީގެ ޕްރޮޕޯޒަލްތައް މިހާރުވެސް އެކުލަވާލެވެމުންދާއިރު ރާއްޖެއަކީ ފުރަތަމަ ފައުންޑިން މެމްބަރަށްވާތީ ވަރަށް ބޮޑެތި އެހީތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން ލިބިގެންގޮސްފައިވާ ކަމަށްވެސް ދިވެހިސަރުކާރުން ހާމަކުރެއެވެ. އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކަށް ރާއްޖެއިން ހުށަހަޅާ ފުރަތަމަ ބިޔަ މަޝްރޫއަކީ މާލޭގެ ހަކަތައާގުޅޭ މަޝްރޫއެވެ.