ތޫނިސްގެ ޓޫރިސްޓް ރެސޯޓެއް ކަމަށްވާ ސޫސާ ރެސޯޓަށް މިދިޔަ ހުކުރުދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި އިނގިރޭސި ޓޫރިސްޓުންގެ އަދަދު 30 އަށް އަރާނެކަމަށް އިނގިރޭސި ސަރުކާރުން ލަފާކޮށްފިއެވެ.އިނގިރޭސި ޚާރިޖީ ވުޒާރާއިން ބުނީ މި ޙަމަލާތަކުގައި މަރުވި އިނގިރޭސި ރައްޔިތުންގެ އަދަދު 15 އަށް އަރާފައިވާ ކަމަށާ މިޙަމަލާތަކުގައި ގެއްލިފައިވާ މީހުންގެ ތެރޭގައި އިނގިރޭސި ޓޫރިސްޓުން ގިނަކަން ފޮރިންސިކް ތަހްލީލްތަކުން ހާމަވަމުންދާތީ މަރުވި އިނގިރޭސީންގެ އަދަދު 30 އަށް އަރާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.ތޫނިސްގެ ފަތުރުވެރިންގެ މަރުކަޒެއްކަމަށްވާ ސޫސާ ރެސޯޓުގެ ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 38 އަށް އަރާފައެވެ. މި ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން އުޅޭ ހައްދު ފަހަނަޅާފައިވާ ޖަމާތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުންނެވެ.