ޚަބަރު

އެމްއެފްޑީއޭގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެގޮތް ހަދައިފި


މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގިނަ ޚިދުމަތްތަކެއް، އޮންލައިންކޮށް ލިބޭގޮތަށް ބަދަލުގެެސްފިއެވެ. މިކަމަށްޓަކައި އެފްޑީއޭއިންވަނީ "ދިރިތި"ގެ ނަމުގައި ޕޯޓަލްއެއް ތަޢާރަފްކޮށްފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ "ދިރިތި" ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ. "ދިރިތި" ޕޯޓަލްއަކީ އެމްއެފްޑީއޭއިން ކުރިން މެނުއަލްކޮށް ދެމުންގެންދިޔަ ޚިދުމަތްތައް އޮންލައިންކޮށް ކުރެވޭނެ ގޮތް ހެދުމަށް ތަޢާރަފްކުރި ޕޯޓަލެކެވެ.

ޕޯޓަލް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އެޗްޕީއޭގެ މަސައްކަތްތަކަކީ ކާބޯތަކެއްޗާއި، ބޭހާއި ގުޅުންހުރި ކަމަށްވާތީ، އެއިދާރާގެ މަސައްކަތްތަކީ އާއްމު ސިއްހަތާއި ވަރަށް ބޮޑަށް ގުޅުންހުރި މަސައްކަތްތަކެއްކަމަށެވެ. އަދި މި ޕޯޓަލާއިއެކު މޮނިޓަރިންގެ ނިޒާމުވެސް ހަރުދަނާވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކާބޯޓަކެތި އިމްޕޯޓް އެކްސްޕޯޓް ކުރާއިރު ތަކެތީގެ ކޮންޑިޝަން ވަރަށް މުހިންމު. މި ތަކެތި ރާއްޖެ އެެތެރެކޮށް ބޭރުކުރާއިރު ވަރަށް ގިނަ ލިޔެކިޔުންތައް އެބަ ހޯދަންޖެހޭ. ތަކެތި އަވަހަށް ކްލިއަރ ކުރުމަށް، ޕޯޓަލް ތެރެއިން ލިޔެކިޔުންތަކާއި ހުއްދަ ހޯދުމަށް ހުށައެޅުމުގެ ފުރުސަތު ލިބުމަކީ ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވާނެ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ވަގުތު ސަލާމަތްވުމުގެ އިތުރުން، މަޢުލޫމާތު ރައްކާކޮށް ތަފާސްހިސާބުތައް ބެލެހެއްޓުމުގައިވެސް ލިބޭނެ ލުއިފަސޭހައެއްކަމަށެވެ.

"ދިރިތި" ޕޯޓަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެފްޑީއޭގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުޙައްމަދު ވިދާޅުވީ ޕޯޓްލްގެ ތެރެއިން އެކި ޚިދުމަތްތަކުގައި ރެޖިސްޓްރީ ވުމާއި، ހުއްދަތައް ހޯދުމާއި އަދި އެމްއެފްޑީއޭގެ އެކި ޤާނޫނުތަކާއި، ގަވައިދުތަކާއި ގުޅޭ މަޢުލޫމާތުތައް ލިބޭނެކަމަށެވެ.

"30 ޚިދުމަތެއް މި ޕޯޓަލް މެދުވެރިކޮށް އެބަ ލިބޭ. މިހާރު ކިއުގައި ނުޖެހި ގޭގައި ތިބެގެންވެސް ޚިދުމަތްތަކަށް ރިކުއެއްސްޓް ކުރެވޭނެ. އަދި މި އާއްމުކުރާ ފުޑް އެލަރޓްތައްވެސް ޕޯޓަލުން ފެންނާނެ." ސާޖިދާ ވިދާޅުވިއެވެ.

މި ޕޯޓަލްގެ 2ވަނަ ފޭސްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ ބުނެފައެވެ. 2ވަނަ ފޭސްގައި މި ޚިދުމަތް ނޭޝަނަލް ސިންގަލް ވިންޑޯއާއި ގުޅާލާނެކަމަށްވަނީ ބުނެފައެވެ. މި ބަދަލާއިއެކު ގުޅުންހުރި އެހެން މުއައްސާތަކުގެ މަސައްކަތްތައްވެސް އެއް ޕޮޓަލްގެ ތެރެއިން ކުރެވޭނެއެވެ.