ޚަބަރު

ޤާޟީ ހައިލަމްގެ ވާހަކަދައްކާތީ އިދިކޮޅު މެމްބަރުން އިޙްތިޖާޖުކޮށްފި


ކްރިމިނަލް ކޯޓްގެ ޤާޒީ އަޙްމަދު ހައިލަމް ވައިބާގްރޫޕަކަށް ޕޯސްޓްކޮށްފައިވާ ފޮޓޯއެއްގެ މައްސަލާގައި މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވާހަކަދެއްކުމުން އެކަމާމެދު ހިތްހަމަނުޖެހި އިދިކޮޅު މެމްބަރުން މަޖިލީހުގައި އިޙްތިޖާޖު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތައްޔާރުކުރި ރިޕޯޓު ޖުޑިޝަރީ ކޮމިޓީއިން ދިރާސާކޮށް ނިންމި މައްސަލައިގެ ބަޙުސް މަރުހަލާގައި ސަރުކާރަށް ތާޢީދުކުރާ މެމްބަރުންވަނީ ރާއްޖޭގެ ޖުޑީޝަރީ އޮތް ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މެމްބަރުން ވިދާޅުވީ ކްރިމިނަލް ކޯޓްގެ ޤާޒީ ހައިލަމް ރާއްޖޭގެ ވެރިންނަށް ހަޖޫޖަހައި ޖޯކް ޖެހުމަކީ އޭނާގެ ނަޒާހާތްތެރިކަމާއިމެދު ސުވާލުއުފެދޭކަމެއްކަމަށެވެ.

ފަޑިޔާރުންނަކީ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ވަކި ކަހަލަ ސުލޫކީ ހަމަތަކެއްގެ މަތީގައި އުޅެންޖެހޭ ބަޔަކަށްވާއިރު، އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވާ ޢަމަލަކީ މިފަދަ އެއްވެސް އުސޫލަކަށް ނުފެތޭ ދަށު ދަރަޖައިގެ އަމަލެއްކަމުގައި މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުންގެ މިވާހަތައް ދައްކަން ފެށުމުން މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންވަނީ މަޖިލިސް ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީގައި އެތުރިގެން ކޮޅަށްތިއްބަވައި އަޑުއުފުލައި ޝުއޫރު ފާޅުކޮށްފައެވެ. ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިއާމް އިސްވެ ހުންނަވައި ކުރެއްވި މި އިޙްތިޖާޖުގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމްއާއި، ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މަޙައްމަދު ލަތީފްގެއިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ބައިވެރިވެ އަޑުއުފުލާފައިވެއެވެ.

މެމްބަރުން އަޑުއުފުލަމަށް ފުރުސަތު ދެއްވައި މަޖިލިސް ރައީސްވަނީ ޖަލްސާ ކުރިއަށް ގެންދަވާފައެވެ. އެގޮތުން މިމައްސަލާގައި ވާހަކަ ދައްކަވަން ބޭނުންފުޅުވާ މެމްބަރަށް ފުރުސަތު ދެއްވައި މަޖިލިސް ކުރިއަށް ގެންދަވާފައިވެއެވެ. އިދިކޮޅު މެމްބަރުންވަނީ މިމައްސަލާގައި ކުރަމުންދިޔަ އިޙްތިޖާޖް 30 ގަޑިއެއްހާއިރު ކުރުމަށްފަހު ހުއްޓާލާފައެވެ.