ސިވިލް ސަރވިސް ކޮމިޝަނަށް ޝަހީދު މުޙައްމަދު އައްޔަންކޮށްފައިވަނީ އޭނާ އެ މަޤާމަށް ޝަރުތުހުމަނުވާކަން މިދިޔަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެނގިވަޑައިގެންކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ސީއެސްސީގެ މިހާރުގެ ނާއިބް ރައީސް ޝަހީދު މުޙައްމަދު އެކޮމިޝަނަށް އައްޔަންކޮށްފައިވާ ސިވިލް ސާރވިސް ޤާނޫނާއި ހިލާފަށްކަމަށް ވާތީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
ކޮމެޓީގެ މުޤައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޝަހީދު އެ މަޤާމަށް އައްޔަންކުރަން މަޖިލީހުން ނިންމެވިއިރު އޭނާއަކީ އެ މަޤާމަށް ޝަރުތު ހަމަނުވާ ފަރާތެއްކަން އޭރުގެ މަޖިލިސް ރައީސް އަބްދުﷲ މަސީހަށްވެސް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އޭރުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ށ. ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ސަލީމަށްވެސް އެކަން އެނގިވަޑައިގަންނަވާކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ޝަހީދުގެ ޝަރުތު ހަމަނުވާކަން އޭނާގެ މައްސަލަ ދިރާކުރި ކޮމެޓީގެ އިދާރީ މުވައްޒަފުން ފާހަގަކޮށް އެކަން އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އަލީ ސަލީމަށްވެސް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް މަޖިލީހުން ޝަހީދު ސީއެސްސީއަށް އައްޔަންކުރީ ވަކި ސިޔާސީ ބޭނުމެއްގައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ސީއެސްސީގެ މިހާރުގެ ނާއިބް ރައީސް ޝަހީދު މުޙައްމަދުގެ މެމްބަރުކަމުގެ ޝަރުތު ހަމަނުވާ މައްސަލާގައި ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ފުރުސަތު ދިންނަމަވެސް ކޮމެޓީއަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އަންނަނީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު މަޤާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއްވެސް ބަލަމުންނެވެ. ކޮމިޓީން ބަލަމުންދާ މި މައްސަލާގައި ހިމެނެނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުން ޒަކަރިއްޔާ ހުސައިނާއި އިބްރާހިމް ޝަހީގްއެވެ.