ޚިޔާނާތުގެ ބޮޑެތި ޖަރީމާތައް ހިންގި ބައެއް ފަރާތްތައް އަދިވެސް ކުންފުނިތަކުގައި އެބަތިބިކަމަށާއި އެފަދަ ފަރާތްތައް އެތަންތަނުން ބޭރު ކޮށްގެން ނޫނީ ކަންކަން ރަނގަޅުވެގެން ނުދާނެކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ކަރަންޓް އަގުހެޔޮކުރުމާއި ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ޤަރާރަށް ވާހަކަފުޅު ދައްކަވަމުން އަފީފު ވަނީ ކަމާއި ގުޅޭ މުވައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަފީފު ވިދާޅުވީ ކަރަންޓު އަގު ހެޔޮވެގެން ނުދަނީ ތެލުގެ ވިޔަފާރިން ބޮޑެތި ހިޔާނާތްތައް ހިނގި މީހުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި އެސްޓީއޯގައި ތިބެ އެމީހުންގެ އިހްލާސްތެރިކަން ނެތުމުން ކަމަށެވެ. މި ގޮތުން އެ ޖަރީމާތައް ހިންގި ފަރާތްތައް އެ ކުންފުނިތަކުގައި މިއަދުވެސް އެބަތިބިކަމަށާއި އެ މީހުން އެކުންފުނިތަކުގައި ތިބެގެން ކަރަންޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ނުގެނެވޭނެކަމަށްވެސް އަފީފު ވިދާޅުވިއެވެ.
"ބޮޑެތި ޚިޔާނާތްވި މީހުން އެތަންތަނުގައި ބައިތިއްބައިގެން ޖަރީމާ ނުހުއްޓުވޭނެ. ފެނައިކައިގައިވެސް، އެފްއެސްއެމްގައިވެސް އެމީހުން އެބަތިބި. މިމީހުން ބައިތިއްބައިގެން އުޅެނީ ކީއްވެތޯ އަޅުގަނޑު ބޭނުން ސާފުކުރަން. ކީއްވެގެތޯ މިކަންކަން ލަސްވަނީ. މިއީ އަޅުގަނޑު ސަރުކާރާއި ކޮށްލަންޖެހޭ ސުވާލެއް. އެބޭފުޅުންނަށް ނޭގެނީތޯ މިކަން ކުރި މީހުން މިތަންތަނުގައި ތިބިކަން. މިމީހުން ވަކިކޮށްގެން ނޫނީ މިކަންކަން ހައްލެއް ނުވާނެ." އަފީފް ވިދާޅުވިއެވެ.
ޚިޔާނާތުގެ މައްސަލަތަކަކީ މިއަދުން މިއަދަށްވެސް ހައްލުގެންނަން ޖެހޭ މައްސަލައަކަށްވާއިރު، މިކަން ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ނުހަނު ތާއީދު ކުރައްވާކަމަށް އަފީފް ވިދާޅުވިއެވެ. ޙިޔާނާތުގެ ބައިވެރިންގެ މައްސަލަތައް ބަލަން ފެއްޓުމުން އެކަމުގެ ހިންހަމަނުޖެހުން ފާޅުކޮށް، އެހެން ގޮތަކަށް ވާހަކަ އަބުރާލަންކުރާ މަސައްކަތަކީ މިއަދު ފެންނަމުންދާ މަންޒަރުކަމަށްވެސް އަފީފް ފާހަގަކުރެއްވިއެވެ.
"ދެން އަޅުގަޑުމެންނަށް މިފެންނަނީ އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހަށް ގެންދިއުމުން ބުނަނީ ސިޔާސީ ކަންތައް އޮތްގޮތުން ސަމާލުކަން އަބުރާލަންވެގެންނޭ މިކަންތައް ކުރަނީ. އެހެންވެގެން ނޫނޭ އިގޭތޯ. ވައްކަން ކުރީމާ ގެންދާނޭ ސުވާލުކުރަން. ވައްކަން ކުރީމާ އެވަގުން ހިފާފަ އެބަޖެހޭ އެމީހުންނަށް ހައްގު އަދަބުދޭން. އެކަންތައްތައް ކުރާތީ ކަންބޮޑުވެގެން މިއުޅެނީ." އަފީފް ވިދާޅުވިއެވެ.
ކަރަންޓްގެ އަގު ހެޔޮކުރުމާއި ގުޅޭ ގޮތުހް ހުށައެޅި ޤަރާރަށް ވާހަކަދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ތެލުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތަ ތަޢާރަފްކޮށް އެއަށް ބަރޯސާވުމަކީ ރާއްޖެފަދަ ޖަޒީރާވަންތައް ޤައުމަކަށް އޮތް ވަރަށް ރަނގަޅު ގޮތެއްކަމަށެވެ.