ޚަބަރު

ނޫމަޑިއާއި އެއްކޮޅަށް ކުރީސަރުކާރުގެ ވަޒީރުން ކޯޓުގައި ހެކިބަސްދީފައިވޭ - އަމީރު


ރަށްރަށުގައި ހައުސިންގ ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއަށް ބަދަލު ދޭންޖެހުނީ ކުރީސަރުކާރުގެ އިސްވެރިންގެ އިހުމާލުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުންވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިންތިޒާމުތަކާ މެދު ގެންގުޅޭ އުސޫލު މުރާޖާ ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ބަދަލު ދޭން ޖެހުނީ އެނޫން އެއްވެސް ގޮތެއް ނެތުމުންކަމަށެވެ. މިމައްސަލައަކީ އާބިޓްރޭޝަންގައިވެސް އޮތް މައްސަލައަކަށްވުމުން މިމައްސަލަ ބައިނަލް އަޤްވާމީ ކޯޓްތަކުގައި ބަލާނަމަ މިއަށްވުރެ ބޮޑު އަދަދަކުން ފައިސާ ދައްކަންޖުހުމަކީވެސް އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފައިސާ ނުދައްކައިފިނަމަ ދައުލަތަށް އިތުރު ގެއްލުންތަކެއް ވެދާނެކަމަށްބަލައި މިފައިސާ ދިނުމަކީ މިކަމަށް އޮތް ހައްލުކަމަށް އަމީރު ވިދާޅުވިއެވެ.

ނޫމަޑީގެ މައްސަލާގައި ދައުލަތަށް އެހާބޮޑު ބުރައެއް އުފުލަންޖެހުނީ ކުރީ ސަރުކާރުގެ އިސްވެރިންގެ އަމަލުތައްވެސް ހުރިގޮތުންކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭރުގެ ވަޒީރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބައެއް ވަޒީރު ބޭފުޅުންނާއި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން މިމައްސަލާގައި ޝަރީއަތަށް ވަޑައިގެން ނޫމަޑިއާއި އެއްކޮޅަށް ހެކިބަސް ދީފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި މިކަމަށް ހެކިބަސް ދެއްވި ވަޒީރުންނާއި، އިސްވެރިންގެ މައުލޫމާތުގެ ނަންތައް އެޓާނީ ޖެނެރަލް އޮފީހުން ހާމަކުރައްވާނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ރަށްރަށުގައި ހައުސިންގ ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. މިމައްސަލާގައި ކުރީ ސަރުކާރުގެ އިސްވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަރަށްބޮޑަށް ވަނީ އަމާޒުވެފައެވެ.

ނޫމަޑިއާއެކު އެއްބަސްވީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާތިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.

ނޫމަޑިއާ އެކު ސެޓްލްމަންޓު އެގްރީމަންޓެއްގައި ސޮއިކުރީ މިއަހަރުގެ އޮގަސްޓު މަހުގެ 25 ގައިކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއެއްބަސްވުމުގެ ދަށުން ބަދަލެއްގެ ގޮތުގައި ނޫމަޑިއަށް 55 މިލިޔަން ޑޮލަރު ދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.