ވިޔަފާރި

އެޑްވާންސް ރޫލިންއަކީ ވިޔަފާރިވެރިންނަށް އިތުބާރާއި ޔަޤީންކަން ލިބޭނެ ނިޒާމެއް - ކަސްޓަމްސް


މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައާރަފްކޮށްފައިވާ އެޑްވާންސް ރޫލިންއަކީ ވިޔަފާރިވެރިންނަށް އިތުބާރާއި ޔަޤީންކަން ލިބޭނެ ނިޒާމެއްކަމަށް އެކުންފުނިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް ކަސްޓަމްސް އޮފިސަރ އަލީ ޒުބައިރު ވިދާޅުވީ، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކަސްޓަމްސްއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ކަސްޓަމްސްގެ މަސައްކަތް މިހާރު ބައްޓަންކޮށްފައިވަނީ ބަނދަރުގައި ގިނައިރު މުދާ ބަހައްޓައިގެން ބަލާ ގޮތަކަށް ނޫންކަމަށާއި، އެގޮތައް އަމަލުކުރާއިރު ވިޔަފާރިވެރިންނަށް އުނދަގޫތަކެއް ކުރިމަތިވެ އަދި ހަރަދުތަކެއްވެސް ހިނގާކަމަށް ޒުބައިރު ވިދާޅުވިއެވެ.

ކަސްޓަމްސްއިން ތަޢާރަފްކޮށްފައިވާ އެޑްވާންސް ރޫލިންގެ ސަބަބުން މިފަދަ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެޑްވާންސް ރޫލިންއިން އެންމެ ބޮޑަށް ލިބޭނެ ފައިދާއަކީ އިންޕޯޓަރުންނާއި އެކްޕޯޓަރުންނަށް ޔަޤީންކަމާއި އިތުބާރު ލިބިގެންދިއުންކަމަށް ޒުބައިރު ވިދާޅުވިއެވެ.

"ބަނދަރުގައި ބަހައްޓައިގެން ގިނައިރު ޗެކްކުރަން ހޭދަވާނަމަ، ވިޔަފާރިވެރިންނަށްވެސް ވަރަށްބޮޑު ބުރައެއް އެބައާދޭ. ގިނަ ހަރަދުތަކެއް އެބަ ހިނގާ. އެޑްވާންސް ރޫލިންއިން މިފަދަ ހަރަދުތައް ވަރަށްބޮޑަށް ކުޑަވެގެންދާނެ. އެޑްވާންސް ރޫލިންއިން އެންމެ ބޮޑަށް ލިބޭނެ ފައިދާއަކީ އިންޕޯޓަރުންނަށް އެކްސްޕޯޓަރުންނަށް ޔަޤީންކަމާއި އިތުބާރު ލިބޭނެ މުދާ ގެނައުމުގެ ކުރިންނާއި އޯޑަރު ކުރުމުގެ ކުރިންވެސް އެބައިނގޭ ކަސްޓަމްސްއިން ޑިއުޓީ ނަގާނެ މިންވަރު." ޒުބައިރު ވިދާޅުވިއެވެ.

އެޑްވާންސް ރޫލިންއަކީ މުދާ ގެނައުމުގެ ކުރިން އަދި އޯޑަރުކުރުމުގެ ކުރިންވެސް ކަސްޓަމްސްއިން ޑިއުޓީ ނަގާނެ މިންވަރާއި، ޑިއުޓީ ނަގާނެ ގޮތް ލިޔުމުން ކަސްޓަމްސްއިންދޭ ޙިދުމަތެކެވެ. އެޑްވާންސް ރޫލިންއަށް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށާއި އިންޕޯޓްކުރާ ފަރާތްތަކުގެ އިތުރުން އެފަރާތް ތަމްސީލްކުރާ ފަރާތްތަކަށްވެސް އެދެވޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި ޙިދުމަތަށް އެދުމަށް އެއްވެސް އަގެއް ނުނަގާނެއެވެ.

އެޑްވާންސް ރޫލިން މެދުވެރިކޮށް މުދަލެއް އިންޕޯޓްކުރުމުގެ ކުރިން އަދި އެކްސްޕޯޓް ކުރުމުގެ ކުރިން މުދަލުގެ އޮރިޖިންއާއި ޑިއުޓީ ރޭޓާއި، މުދަލުގެ ކްލެސިފިކޭޝަން ކަސްޓަމްސްއިން ދުރާލާ އެފަރާތަކަށް ބަޔާންކޮށްދޭނެއެވެ. މި ޙިދުމަތަށް އެދުމަށް އެކަމަށް ޙާއްސަކޮށްފައިވާ ފޯމެއް ފުރުމުން ޙިދުމަތް ލިބޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.