ޚަބަރު

ގޮވާއެއްޗެއް ހަދަން ސްކޫލް ލެބޯޓްރީން ނެގި ކެމިކަލްތައް ފުލުހުން ހޯދައިފި


ކުދިންތަކެއް ސްކޫލް ލެބޯޓްރީއެއްގައި ހުރި ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާއެއްޗެއް ހަދަން އުޅުނުކަމަށްބުނާ މައްސަލައެއް ފުލުހުންގެ ތަޙްޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް ސުކޫލެއްގެ ލެބޯޓްރީއަކުން ކެމިކަލްތަކެއް ވަގަށްނަގައިގެން ގޮވާއެއްޗެއް ތައްޔާރުކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު މިކަމާގުޅުންހުރި ބައެއްތަންތަން ބަލައި ފާސްކުރުމަށް ފެށި އޮޕަރޭޝަންގައި ވަގަށް ނަގާފައިވާ ކެމިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް މިހާދިސާގައި ހިމެނޭ ކުއްޖަކުވެސް އަދި އިތުރު މީހަކުވެސް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މިމައްސަލައިގެ ތަޙްޤީގު ކުރިއައްދާކަމަށްވެސް ފުލުން ވިދާޅުވިއެވެ.