ޚަބަރު

ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ފަތުހުﷲގެ ނަން ތަޅުމަށް


ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލްގެ ނަން މަޖިލިސް ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަން ދެއްވި 2 ބޭފުޅުންނާއިވަނީ އިންޓަރވިއުކޮށްފައެވެ. އިންޓަރވިއުއަށްފަހު ކޮމިޓީންވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރުމަށް ފަތުހުﷲގެ ނަން ފޮނުވުމަށް ފާސްކޮށްފައެވެ.

ދިރާގުގައި މިހާރު ވަޒީފާ އަދާކުރައްވަމުންދާ ފަތުހުﷲ އަކީ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.

ކޮމިޝަނާ ޖެނެރަލްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ 6 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފައެވެ. މިބޭފުޅުންގެ ތެރެއިން ކޮމިޓީ މަރުހަލާގައި ކުރެވުނު އިންޓަރވިއުގައި ބައިވެރިވެފައިވަނީ އަސްމާ ޝަފީޢުއާއި، އިސްމާއިލް ސާޖިދެވެ. މިދެބޭފުޅުންނާއި ކުރެވުނު އިންޓަރވިއުތަކަށްފަހު ކޮމިޓީންވަނީ ދެބޭފުޅުންގެ ނަންވެސް ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ.

މީރާގެ އެންމެ އިސް ދެމަގާމަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދަނީ ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.