އެކި މަސައްކަތްތަކަށް ރާއްޖެ އެތެރެވާ ބިދޭސީން ވޯކް ޕަރމިޓް ހެދުމަށް ހުށައަޅާ މެޑިކަލް ރިފޯޓް ނަކަލުކޮށް އޮޅުވާލައިގެން ބޭނުންކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހެލްތް މިނިސްޓްރީއިން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީއިން ބުނެފައިވަނީ ފަހަކަށް އައިސް ވަރކްވިސާއަށް ބޭނުންވާ މެޑިކަލް ހެދުމުގައި ފޯޖްކޮށްގެން ނުވަަ އޮޅުވާލައިގެން ނަކަލު މަޢުލޫމާތު ބޭނުންކުރާކަން ފާހަގަވެފައިވާކަމަށެވެ.
ހެލްތް މިނިސްޓްރީއިން މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރީ ރާއްޖެއަކީ ގިނަ ބަލިތަކެއް ނައްތާލެވިފައިވާ ޤައުމަކަށްވާއިރު، މި މައްސަލައަކީ މިކަން މިގޮތުގައި ދެމެހެއްޓުމަށް ހުރަހަކަށްވެގެންދާނެތީއެވެ.
ދިވެހިރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު މަސައްކަކްތަކެއް ކުރަމުން އަންނަ އަދި މިކަމުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެކެވެ. މިކަން މިގޮތުގައި ދެމެހެއްޓުމަށް ރާއްޖެއަށް މަސައްކްތަކުރުމަށް ގެންނަ ބިދޭސީންނަކީ ރަނގަޅު ސިއްޙަތެއްގައިވާ މީހެއްތޯ ބެލުމަށްޓަކައި ވޯކް ވިސާއަށް އެދޭއިރު މެޑިކަލް ރިޕޯޓް ހުށައެޅުން އިމިގްރޭޝަންގެ ގަވައިދު ލާޒިމުކުރެއެވެ.
ވޯކް ޕަރމިޓް މެޑިކަލް ހެއްދޭނީވެސް ހެލްތް މިނިސްޓްރީއިން ހުއްދަ ދީފައިވާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެކަންޏެކެވެ.
އެހެންކަމުން ރާއްޖެއިން ނައްތާލާފައިވާ ބަލިތަކާއި، އަދި މިނޫންވެސް ބަލިތައް ފެތުރުނަ ނުދިނުމަށް، ބީދޭސީ އެތެރެކުރާ ކުންފުނިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވަނީ އެދިފައެވެ.
ބިދޭސީން ރާއްޖެ އެތެރެވުމުގައި މިނޫން މައްސަލަތައްވެސް އިމިގްރޭޝަނުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ޕާސްޕޯޓް ނަކަލު ކުރުމާއި، ފޮޓޯ އޮޅުވާލައިގެން އެތެރެވުމުގެ އިތުރުން ނަކަލު ވޯކް ޕަރމިޓްތަކަކާއިއެކު ރާއްޖެ އެތެރެވާން އުޅުނު މީހަކުވެސް އިމިގްރޭޝަނުންވަނީ ދާދިފަހުން ހިފަހައްޓާފައެވެ.
ރާއްޖޭގައި އެކި އެކި މަސައްކަތްތައް ކުރުމަށް 1ލައްކަ ތިރީސް ހާހަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެއެވެ. މީގެތެރެއިން 60،000 މީހުންނަކީ ބޭނުންވާ ސައްޙަ ލިޔެކިޔުންތައް ނެތި އުޅޭ މީހުންނެވެ.