ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޝަރީއަތް ޓީވީން ވަގުތުން ދައްކައި ދިނުމަށް އަދީބު އެދިވަޑައިގެންފި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ މައްޗަށް އެންމެފަހު އުފުލާފައިވާ ދައުވާގެ ޝަރީޢަތް އާންމުކޮށް ހުޅުވާލައި، ވަގުތުން ޓީވީން ދެއްކޭ ގޮތަށް ކުރިއަށް ގެންދިއުމަށް ކްރިނަލްކޯޓްގައި އަދީބް އެދިވަޑައިގެންފިއެވެ.

މިމައްސަލައިގެ ޝަރީއަތް ވަގުތުން ދެއްކުމަށް އަދީބް ހުށައަޅުއްވާފައިވާ ހުށައެޅުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އޭނާގެ ވަކީލް ވަހުފޫޒް ސައީދު ވިދާޅުވީ މިމައްސަލާގައި އަދީބް ބޭނުންވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް ވުންކަމަށެވެ. އަދި މިމައްސަލަޔަކީ އާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާއިރު، ޚިޔާނާތުގެ ކަންކަން ހިގައިދިޔަ ގޮތާއި، މިކަން ކޮށްފައިވާގޮތް ރާއްޖޭގެ ރައްޔިތުންނަށް ފެންނާނޭގޮތަކަށް ޝަރީއަތް ކުރިއަށް ގެންދުމަށް އަދީބް ބޭނުންފުޅުވާކަމަށެވެ.

މިމައްސަލައިގެ ޝަރީއަތް ޓީވީތަކުން ވަގުތުން ދެއްކުމަށް ކްރިމިނަލްކޯޓުގައި އެދިފައިވާއިރު މިކަމާއި ގުޅިގެން ކޯޓުން އަދި ވަކިއެއްޗެއް ވިދާޅުވެފައިނުވާކަމަށް މަހުފޫޒް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީ މައްސަލާގައި އަދީބްގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ 2 ދައުވާގެ އިތުރުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޙިޔާނާތަކީ ފަހުގެ ތާރީޙެއްގައި ރާއްޖޭގައި ހިންގުނު އެންމެބޮޑު އެއް ޚިޔާނާތެވެ. މި މައްސަލާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތުގެ ކުމުން އަންނަ މަހުގެ 5 ވަނަ ދުވަހު އިއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާލައިގެން ޓީވީތަކުން ލައިވްކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.