ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އިނގިރޭސިވިލާތުގައި ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިންގެ ތެރެއިން ލަންޑަންގެ ބަސްތަކާއި ބަސް ސްޓޮޕްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ވަނީ ބަހައްޓާފައެވެ. އެމްއެމްޕީއާރްސީއިން ބުނީ ރާއްޖޭގެ ފޮޓޯތައް ފެންނަ ގޮތަކަށް ރީތިކޮށްފައިވާ މި ބަސްތައް ލަނޑަންގެ މަޝްހޫރު އެކި ހިސާބުތަކުގައި 6 މަސް ދުވަހުގެ މުއްދަތަށް ދަތުރު ކުރަމުންދާނެކަމަށެވެ. އަދި ބަސް ސްޓޮޕްތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުގައި ދެ ހަފްތާގެ މުއްދަތަކަށް ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
މިކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ތަފާތު މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ލަންޑަންގެ ވޯޓާލޫ ސްޓޭޝަންގައި ހަރުކުރެވިފައިވާ ސްކްރީނުން ދެއްކުމަށް ވަނީ ހަމަޖެހިފައިވެއެވެ. 40 މީޓަރުގެ މި ސްކްރީނަކީ މުޅި ޔޫރަޕުގައި ވެސް މި ބާވަތުގެ ހުރި އެންމެ ފުޅާ ސްކްރީނެވެ. އަދި ވޯޓާލޫ ސްޓޭޝަނަކީ ލަންޑަންގައި އެންމެ ގިނަ މީހުން ދަތުރުކުރުމަށް ބޭނުންކުރާ އެންމެ ބޮޑު ސްޓޭޝަން ވެސްމެއެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޒަމާންވީ މާކެޓެވެ. މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ވެސް އިންގިރޭސިވިލާތުން ރާއްޖެއަށް އަށްޑިހަ ތިން ހާސް އަށްޑިހަ ނުވަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10.5 އިތުރު ޢަދަދެކެވެ.
އެމްއެމްޕީއާރްސީން ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތަކެވެ.