ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު 2 ފްލައިޓް މާލެއާއި ބެންކޮކާދެމެދު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ މިކަން ހާމަކުރައްވާފައިވަނީ ތައިލެންޑަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، ތައިލެންޑްގެ އެއަރލައިނެއްކަމަށްވާ ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު 2 ފްލައިޓް މާލެއާއި ބެންކޮކާއި ދެމެދު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ދެ ޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެޤައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ވަނީ ވިދާޅުވެފައެވެ. އަދި ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެޤައުމުން ފަހިކޮށްދީފައިވާތީ ތައިލެންޑްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. ވަކިން ޚާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ތައިލެންޑްގެ ފޮރިން މިނިސްޓަރ ޕްރަމުދްވިނާއީގެ ވާހަކަފުޅުގައި ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންހާ ގްރޫޕުން ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ތައިލެންޑަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.