2020ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު 3 މިނިސްޓްރީއެއްގެ ބަޖެޓަކީ ޕްރޮގާމްޑް ބަޖެޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވީ، ދައުލަތުން އެކުލަވާލާ ބަޖެޓަކީ ނަތީޖާ ނެރެވޭނެ ބަޖެޓަކަށް ހެދުމަށްޓަކާ ދުރު ރާސްތާ ޕްލޭނެއް އޮތުން މުހިންމުކަމަށެވެ. އަދި މިސަރުކާރުގެ އަމާޒަކީ 5 އަހަރުގެ ދައުރު ނިމޭއިރު، ބަޖެޓަކީ ނަތީޖާ ނެރެވޭނެ އެއްޗަކަށް ހެދުންކަމަށާއި، އެކަމަށް ބޭނުންވާ ސިޔާސާތުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ޝައުނާ ވިދާޅުވީ، ބަޖެޓްގެ ފައިދާ ރައްޔިތުންނަށް ވިހާވެސް ބޮޑަކަށްކުރާނެހެން ކަންކަން ބައްޓަންކުރުމަކީ އަދުގެ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށާއި، އެކަމަށްޓަކާ ޕްރޮގްރާމްޑް ބަޖެޓެއް އެކުލަވާލާފައި އޮންނަންޖެހޭކަމަށެވެ.
އެގޮތުން ބަޖެޓުން ސަރުކާރުގެ ސިޔާސަތުތަކަކީ ކޮބައިކަމާ، ހާސިލުކުރަން ބޭނުންވާ ކަންކަމާއި އެކަމަށްދާނެ ޚަރަދާއި ހޭދަވާނެ މުއްދަތު ޢާއްމު ރައްޔިތުންނަށް ސާފުކޮށް އެނގޭނެހެން އޮތުން މުހިންމުކަން ޝައުނާ ފާހަގަކުރެއްވިއެވެ. އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަރުޙަލާ މިހާރު ކުރިއަށްދާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކާ ވޯލްޑް ބޭންކްގެ އެހީގައި 3 މިނިސްޓްރީއެއްގެ ޕްރޮގްރާމްޑް ބަޖެޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝައުނާ ވިދާޅުވިއެވެ.
"ޕްރޮގްރާމްޑް ބަޖެޓަކަށް ދާންޖެހޭ. އެ ބަޖެޓުން ފެންނަންޖެހޭނެ ސަރުކާރުގެ ސިޔާސަތުތަކަކީ ކޮބައިކަން، ހާޞިލުކުރަން މިއުޅޭ ކަންކަމަކީ ކޮބާކަން. ހާސިލުކުރާނެ ޓައިމްލަައިނަކީ ކޮބައިކަން.. އެއީ ޕްރޮގްރާމްޑް ބަޖެޓަކީ. އަޅުގަނޑުމެން ވޯލްޑް ބޭންކާއެކީގައި މި މަސައްކަތް ކުރަނީ މިއަހަރުގެ ބަޖެޓުގައި 3 މިނިސްޓްރީއެއްގެ ބަޖެޓް ޕްރޮގްރާމްޑް ބަޖެޓަކަށް ހެދުމަށް. އެއީ ޕްލޭނިންގއާއި، ފިޝަރީޒްއާއި ފިނޭންސް މިނިސްޓްރީގެ ބަޖެޓް ހުށަހެޅިގެންދާނީ ޕްރޮގްރާމްޑް ބަޖެއްޓެގެ ގޮތުގައި." އާމިނަތު ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ސަރުކާރުން އިޢުލާންކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމަށް ރިއާއަތްކުރާނެކަމަށާއި، އެސް.އޭ.ޕީގެ ލަނޑުދަނޑިތައް ހާޞިލުވާނެހެން ބަޖެޓްގެ ކަންކަން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދަޢުލަތު ހުށަހަޅާ ބަޖެޓް މިމަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.