ޚަބަރު

އާރަށުގެ މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމަނީ


  • ސުޕްރީމް ކޯޓުން ހުކުމް އިއްވުން އޮންނާނީ ޖުލައި 1ގައި

ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން އަންނަމަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ޝަރީއަތްތަކުގެ ތާވަލުގައިވާ ގޮތުން މި މައްސަލައިގެ ޙުކުމް އިއްވުން އޮންނާނީ ޖުލައި 1 ވާ ބުދަ ދުވަހުގެ ހެނދުނު 09:00ގައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުތައް ހިންގުމުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ޤަބޫލުކުރުމުގެ އިތުރުން، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، މި މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 18 އެޕްރިލް 2024ގައި ހައިކޯޓުން ވަނީ އެ ޙުކުމް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އަލުން ބެލިއިރު ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައި ވާތީ ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މި މައްސަލާގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރުމަހު ނިންމާލާފައި ވަނިކޮށް މި މައްސަލައިގެ އިތުރު އަޑު އެހުމެއް ބޭއްވީ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތްވެސް ވަނީ މަޑުޖައްސާލާފައެވެ.

ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިތުރުން، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްވެސް ބާތިލްކޮށް އެ މައްސަލަވެސް އަލުން ބެލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.