ޚަބަރު

އެންމެންގެ އަތުން ތަފާތު ކުރުމެއްނެތި އިންކަމް ޓެކްސް ނެގެންޖެހޭ - ޤާސިމް


ލިބޭ ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ "އިންކަމް ޓެކްސް"ގެ ބިލް ވަކިބަޔަކަށް އަމާޒުވެއްޖެނަމަ ނަތީޖާ ވަރަށް ގޯސްވެދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކޮންމެ ރައްޔިތެއްގެ އަތުންވެސް އިންކަމްޓެކްސް ނެގެންޖެހޭކަމަށެވެ. ޤާނޫނުގައި ބުނާގޮތުން އިންކަމް ޓެކްސްއަކީ ލިބޭ އެއްޗަކުން ނެގޭ ޓެކްސްއަކަށްވާއިރު، ވަކިބަޔަކަށް ތަފާތުވާނެ ގޮތަކަށް ވަކިބައެއްގެ އަތުން އިންކަމްޓެކްސް ނަގާ އަނެއްބަޔަކު އަތުން ޓެކްސް ނުނަގާނަމަ އިންސާފު ވެރި ނުވާނެކަމަށެވެ. އަދި މިއީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް ހެދޭ ޤާނޫނަކަށް ވެއްޖެނަމަ ނަތީޖާ ގޯސްވެދާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"މިކަމުން ވަކި ބަޔަކު އެކްސްކުލޫސިވް ކޮށްގެން ނުވަތަ ވަކި ބަޔަކު އޭގެން އެކްސްކްލޫޑް ކޮށްގެން ނުހިމަނާ ދާގޮތަށް ދިއުމަކީ އެއީ އިންސާފެއް ނޫން. މިކަން ކުރެވޭ ގޮތަކުން ވެދާނެ މިއީ ދެވޭ ވަރަށްބޮޑު ޒަހަރަކަށްވެސް" ޤާސިމް ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން 40000 އާއި 60000 އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %8ގެ ރޭޓުން، 60000 އާއި 100000އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %10ގެ ރޭޓުން އަދި 10000އަށްވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތެއްނަމަ އިންކަމް ޓެކްސްގެ ގޮތުގައި %15 ނެގުމަށް އިންކަމް ޓެކްސްގެ ޤާނޫނުގެ ބިލުގައި ހުށަހަޅާފައިވެއެވެ.

ޤާސިމްވަނީ ރޭގެ ޖަލްސާގައި އެންމެ ކުޑައުޖޫރަ "މިނިމަމްވޭޖް" ކަނޑައެޅުމުގައިވެސް ވިސްނުން ތެރިކަމާއެކު މަސައްކަތް ނުކުރެވިއްޖެނަމަ އޭގެ ނަތީޖާވެސް ރަނގަޅު ނުވެދާނެކަމަށް ވިދާޅުވެފައެވެ. މިނިމަމް ވޭޖުގެ ގޮތުގައި 8000 އާއި 10،000 ރުފިޔާ އާދެމެދުގެ އަދަދެއް ކަނޑައަޅަން ސަރުކާރުން ވިސްނަވާއިރު އެކަން އެގޮތަށް ކޮށްފިނަމަ އެއީ ރާއްޖޭގެ އިޤްތިޞާދަށް ނުއުފުލޭ ވަރުގެ ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުން ކުރާ ކަމެއް ކަމަށާއި، އެހެންކަމުން އެ ޤައުމުތަކުން އެކަން ކޮށްފައިވާ ގޮތް ބަލައި، ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކަށް އެ މަސައްކަތް ރާވާލަން ޖެހޭ ކަމަށެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އަންނަ އަހަރުގައި ކުޑައުޖޫރަ ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިން ކިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ސަރވޭ އެއް މިމަހުގެ ތެރޭގައި އެ މިނިސްޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ.