ޚަބަރު

ޕްލާސްޓިކް ކުނިބުނިން އިންޑިއާގެ ކޯރުތައް ތަޣައްޔަރުވަނީ


އިންޑިއާގެ ޗެންނާއީގެ ކޯރުތައް ޕްލާސްޓިކް ކުނިން ތަޣައްޔަރުވެފައިވާއިރު، މިއީ ހަމައެކަނި އެ ސިޓީއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ޕްލާސްޓިކާއި ޕްލާސްޓިކުން އުފައްދާ ސްޓައިރޮފޯމްގެ ބާވަތްތަކުން އިންޑިއާގެ ފެނުގެ ނިޒާމް ތަޣައްޔަރުވުމުގެ ސަބަބުން ޞިއްޙަތަށް އެކަމުގެ ނުރައްކާވަނީ ވަރަށް ބޮޑުވެފައެވެ.

ކޮންމެ އަހަރަކު 14 މިލިއަން ޓަނުގެ ޕްލާސްޓިކް އިންޑިއާގައި ކުނިބުނީގެ ގޮތުގައި އުކާލެވޭކަމަށް އިދާރާތަކުން ބުނެއެވެ. އެހެންނަމަވެސް އެތަކެތި ރައްކާތެރިގޮތުގައި ބަލަހައްޓައި، ނައްތާލާނެ ނިޒާމެއް އެ ޤައުމުގައި ޤާއިމުކުރެވިފައެއްނުވެއެވެ. އިންޑިއާގައި ތިމާވެށި ޙިމާޔަތްކުރަން މަސައްކަތްކުރާ އެކްޓިވިސްޓް، ވެޓްރީ ސެލްވަން ބުނީ ކަންބޮޑުވާންޖެހޭ މިންވަރަށް އެ ޤައުމުގައި ޕްލާސްޓިކުގެ މައްސަލަވަނީ ބޮޑުވެފައިކަމަށާއި އިންސާނީ ދަރިފަސްކޮޅު ސަލާމަތުން ދެމިއޮތުމަށް ބޭނުންނަމަ މިކަމަށް ޙައްލެއް ހޯދަންޖެހޭކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން ބޮޑެތި ހުރިހާ ސިޓީއެއްގައި ޕްލާސްޓިކު ގިނަވުމުގެ މައްސަލަވަނީ ފެތުރިފައެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ބޮޑެތި ރަށްތަކުގެ ރަށްބޭރުން ޖިފުޓިތަކުގައި ދިރިއުޅެމުންދާ ފަޤީރުންނަށެވެ. ގޮނޑުހޮވާ މީހުންގެ ޝަކުވާއަކީ އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ދެ ލޯރަތްވުމާއި ނޭވާލާ ނިޒާމަށް ބަލިތައްޖެހެމުންދާ މައްސަލައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ ތަފާތު ޖަލްސާތަކާއި ބައްދަލުވުންތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅިއާއި ދަޅު އަދި ކޮތަޅު ބޭނުންނުކުރުމަށް ގޮވާލައްވާފައެވެ. އިންޑިއާއިން މިހާރު ތައްޔާރުވަމުންދަނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް 2022ވަނަ އަހަރު އަންނަންވާއިރަށް އެއްކޮށް މަނާކުރެވޭނެ ޤައުމީ ޙަރަކާތެއް ފަށަންކަމަށް މޯދީ ވިދާޅުވިއެވެ.

ފާއިތުވީ 10 އަހަރުތެރޭ ހިމާޗަލް ޕްރަދޭޝުން ވަނީ ޕްލާސްޓިކް ކުނީގެ މައްސަލަ ޙައްލުކުރުމަށް ތަފާތު ޤާނޫނުތައް ފާސްކޮށްފައެވެ. ބޮޑުވަޒީރު މޯދީގެ ގޮވާލެއްވުމަށް އިޖާބަދިނުމުގެ ގޮތުން އެ ސްޓޭޓުން މިހާރުވަނީ ޕްލާސްޓިކްގެ ބާވަތްތައް އެކި މިންވަރަށް މަނާކޮށްފިކަން ނޫސްތަކުގައި އިޢުލާނުކޮށްފައެވެ. މިކަމާގުޅިގެން ޕްލާސްޓިކް އުފައްދާ ފަރާތްތަކުން ބުނަމުންދަނީ ޕްލާސްޓިކާ ގުޅޭގޮތުން ރައްޔިތުންނަށްވަނީ ތަފާތު އޮޅުންބޮޅުންތައް އަރާފަ ކަމަށާއި އެފަދަ ފިޔަވަޅުތައް އެޅުމުން މީހުންގެ ވަޒީފާތައް ގެއްލި އިންޑަސްޓްރީއަށް ގެއްލުންވާނެކަމަށެވެ.

ކޮންމެގޮތެއްގައި ނަމަވެސް އިންޑިއާގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ވަނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކްގެ ބަދަލުގައި އެހެނިހެން ބާވަތްތަކުން އުފައްދާ ސާމާނު ބޭނުންކުރަން ފަށާފައެވެ. މިގޮތުން، ބެންގަލޫރުގައި މިހާރުވަނީ ޕްލާސްޓިކްގެ ބަދަލުގައި ލަކުޑިއާއި ގަސްގަހުގެ ފަތް ބޭނުންކޮށްގެން ހަދާ ކަޓްލަރީ އުފައްދަން ފަށާފައެވެ.