ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. އަދި މުޅި އަހަރަށް ބަލައިފިނަމަ ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މީގެ އިތުރުން ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިވިލޭރޭ ކަމުގައި މި އުންމަތަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ބަޔާން ކޮށްދެއްވަވާފައިވެއެވެ.
ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު ބޮޑު ޖަމާޢަތަކަށް ޖަމާކުރާ ދުވަހަކަށް މި ދުވަސް ވާތީއެވެ. މި ޚާއްޞަ ޖަމާޢަތައް މުސްލިމު ޒުވާނުންނާ ކުޑަކުދިންނާ މުސްކުޅި ފިރިހެނުން ޚާއްޞަ ސަމާލުކަމެއް ބަހައްޓާއިރު، ޢާއިލީ ޖަމާޢަތްތައް މި ދުވަހުގެ ހުކުރު ނަމާދަށްފަހު އެއްކުރުމުގައި މުސްލިމު އަންހެންތަކުން މުހިންމު ދައުރެއް އަދާކުރެއެވެ. ހަފްތާގެ އެހެން ދުވަސްތަކާ ޚިލާފަށް ހުކުރު ދުވަހަކީ ގޯތި ގެދޮރަށް ޒިޔާރަތްކުރާ މެހެމާނުންނާއި ގާތްތިމާގެ މީހުންނަށް އުފާވެރި ހިނިތުންވުމަކާއެކު މަރުޙަބާ ކިޔުން ޢާއްމު ދުވަހެކެވެ.
މާތް ﷲ ޔަހޫދީންނަށް ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވިއެވެ. ނަޞާރާއިންނަށް ޚާއްޞަ ދުވަހެއް ކަމުގައި އާދިއްތަ ދުވަސް ލެއްވިއެވެ. އަދި މުސްލިމުންނަށް ޚާއްޞަ ދުވަހެއް ކަމުގައި ހުކުރު ދުވަސް ޚިޔާރުކުރައްވައި މިއުންމަތަށް ޚާއްޞަ ދުވަހެއްކަމުގައި ހުކުރު ދުވަސް ލެއްވިއެވެ. އެހެނަސް އިސްލާމްދީން ބާވައިލެއްވުނީ ޔަހޫދީ ދީނާއި ނަޞާރާ ދީނަށް ފަހުގައި ކަމަށްވުމާއިވެސް އެކުގައި މުސްލިމުންނަށް ޚާއްޞަ ދުވަހަކީ ހޯމަ ދުވަސް ކަމުގައި ނުލައްވަވައި ހުކުރު ދުވަސް ކީރިތި ﷲ އިޚްތިޔާރު ކުރެއްވުމުގައި ނުހަނު ގިނަގުނަ ޙިކުމަތްތަކެއް ވާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އެގޮތުން ނަޞާރާއިންނާއި ޔަހޫދީންގެ މައްޗަށް އިސްލާމްދީން އިސް ކުރައްވަވާފައިވާކަން ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅުން ސާބިތުވެއެވެ.
މާތް ނަބިއްޔާ ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ :" އިސްވެދިޔަ އުންމަތްތަކުގެ މީހުން ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުކުރެއްވުމުން ﷲ ތަޢާލާ އެއްކިބާ ކުރެއްވިއެވެ. ޔަހޫނީންނަށް ހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދިއްތަ ދުވަސް ލެއްވިއެވެ. ފަހެ ﷲ ތަޢާލާ އަހަރެމެންގެ މި އުންމަތައް ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުވާނޭ މަގަށް މަގު ދެއްކެވިއެވެ. ފަހެ އެއިލާހު އެދުވަސްތައް ލައްވާފައިވަނީ ހުކުރު ހޮނިހިރު އާދީއްތަ ދުވަސް އަންނާނެހެން މިތަރުތީބުންނެވެ. ހަމަ އެފަދައިން ޤިޔާމާތްދުވަހުން އެހެން މީސްތަކުން އަހަރެމެންނާ ތަބަޢަވާނެއެވެ. ދުނިޔޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހު އުންމަތަކީ އަހަރެމެންގެ މި އުންމަތެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ، އެހެން ޚަލްޤުތަކުންނަށްވުރެ ކުރިން ޙިސާބުބެއްލެވޭ ހުށީ މިއުންމަތެވެ.”
އެހެންކަމުން ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ ޢީދެކެވެ. މިއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މާތް ދުވަސްކަމުގައި މާތް ﷲ ލައްވަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާ މި އުންމަތުގެ މުސްލިމުންނަށްޓަކައެވެ. އެހެންކަމުން ހަފްތާގެ ދުވަސްތަކުން އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމުގައި ބަޔާން ކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ
“އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނެރެލެވުނީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމު ނުވާހުށްޓެވެ.”
ހުކުރު ދުވަހުގެ މާތްކަމުން ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވާ ކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. މި ޙަދީސްފުޅުގެ މާނައިގައި ވަނީ
“ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވަވާ ކަމުގައެވެ”
ސުންނަތް ރޯދަ ހިފުމަކީ ނުހަނު ގިނަގުނަ ޘަވާބާ ދަރުމަ ހުރިކަމެއް ކަމުގައި މި އުންމަތަށް ބަޔާންކޮށްދެއްވާފައި ވީހިނދުގައިވެސް ހުކުރު ދުވަހަށް ޚާއްޞަ ކޮށްގެން ސުންނަތް ރޯދަ ނުހިފުމަށް ކީރިތި ނަބިއްޔާ صلى الله عليه وسلم އަންގަވައި އިރުޝާދު ދެއްވީވެސް ހުކުރު ދުވަހުގެ މާތްކަމާ މަތިވެރި ކަމުގެ ސަބަބުންނެވެ. ހުކުރު ދުވަހުގެ ކުރިން ނުވަތަ ފަހުން ގުޅިގެންދާ ގޮތަށް ނޫން ގޮތަކަށް ހަމައެކަނި ހުކުރު ދުވަހު ވަކިން ރޯދަ ހިފުން ނަހީކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވީ “ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރުދުވަހު ރޯދަ ނުހިފާހުށިކަމެވެ. އެއީ އެދުވަހުގެ ކުރިންދުވަހު (އެބަހީ: ބުރާސްފަތި ދުވަހު) ނުވަތަ ފަހުން އަންނަ ދުވަހު (އެބަހީ: ހޮނިހިރު ދުވަހު) ރޯދަ ނުހިފާނަމައެވެ.” އެހެންކަމުން މިއިންވެސް ދަލީލު ކޮށްދެނީ ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު މުސްލިމުންނާ ބައްދަލުކުރާ ޢީދެއްކަމެވެ.
ހުކުރު ދުވަހުގެ އެންމެ މާތް އެންމެ ބޮޑު އަޅުކަމަކީ ހުކުރު ނަމާދުގެ ޖަމާޢަތެވެ. ހުކުރު ނަމާދުގެ މަތިވެރިކަން އަންގަވައި ޖުމުޢަ ސޫރަތުގެ ނަމުގައި ކީރިތި ޤުރުއާނުގައި މާތްﷲ ސޫރަތެއް ބާވައިލައްވަވާފައި ވާއިރު، މި ސޫރަތުގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައި ގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
އެހެންކަމުން ބުއްދިއާއި ޞިއްޙަތު ސަލާމަތުންހުރެ ރަށުގައި ޤާއިމުވެހުރި ބާލިޣުވެފައިވާ، މިނިވަން ކޮންމެ މުސްލިމު ފިރިހެނަކަށް މާތްﷲ އަންގަވައި އަމުރު ކުރައްވާފައި މިވަނީ ހުކުރު ނަމާދަށް ގޮވާލެވޭހިނދު ވިޔަފާރިތައް ހުއްޓާލައި، ﷲ ހަނދުމަކުރުމަށް ވަގުތުން މިސްކިތަށް ހިނގައިގަތުމަށެވެ. އެހެނީ ހުކުރު ނަމާދަކީ މިފަދަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ޢައިނިއްޔަ ފަރުލަކަށް ވުމާއެކު ހުކުރު ދުވަހުގައި ޖަމާޢަތުގައި ކުރެވޭ ހުކުރު ނަމާދުގެ ދެ ރަކުޢަތުގެ ސަބަބުން އެ ދުވަހުގެ މެންދުރު ނަމާދުވެސް ކީރިތި ﷲ ވަނީ މި ޖަމާޢަތުގައި ބައިވެރިވީ ކޮންމެ މުސްލިމަކަށް ޢަފޫ ކޮށްދެއްވަވާފައެވެ.