ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. 2019އިން 2023ވަނަ އަހަރަށް އެކުލަވާލާފައިވާ މިޕްލޭން ބިނާކޮށްފައިވަނީ މައިގަނޑު 5 ބަޔަކުން 33 ދާއިރާއަކަށް ބަހާލައިގެންނެވެ.
ސްޓްރެޓެޖިކް އެކްޝަން ޕްލޭން، އެސް.އޭ.ޕީއަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅުމަށްޓަކާ ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯރކް ހިމެނޭ ޕްލޭނިންގ ޑޮކިއުމަންޓެކެވެ. އެސް.އޭ.ޕީގައި މިސަރުކާރުގެ މެނިފެސްޓޯ ވަޢުދުތަކާއި، އެކި އެކި ދާއިރާތަކުން މިހާރުވެސް ކުރަމުންދާ މުހިއްމު މަސައްކަތްތައް ހިމަނާފައިވެއެވެ.
މިގޮތުން އެސް.އޭ.ޕީގެ ދަޢުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ދެނެގަނެ، ކުރިއަށްދާ މިންވަރު ބެލުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. ރަސްމީ ސިފައެއްގައި އެސް.އޭ.ޕީގެ މަސައްކަތްތައް މިނިސްޓްރީތަކަށް ތަޢާރަފުކޮށްފައިވަނީ 1 އޮކްޓޯބަރު 2019 ގައެވެ.
އެސް.އޭ.ޕީގެ ތެރޭގައި ހިމެނޭ ކޮންމެ ބައެއްގައިވެސް ވަކިވަކި ދާއިރާތަކެއް ހިމަނާފައިވެއެވެ. މިގޮތުން ޖުމްލަ 33 ދާއިރާއެއް މި ޕްލޭންގެ ތެރޭގައި ހިމަނާފައިވެއެވެ. މިއިން ކޮންމެ ދާއިރާއަކަށްވެސް އެދާއިރާއަކުން ކުރާނެ މަސައްކަތްތަކާއި، އޭގެ ނަތީޖާ ހިމެނޭ ތާވަލެއް ތައްޔާރުކޮށްފައިވެއެވެ. މި ތަވާލުތަކަކީ އެސް.އޭ.ޕީ ތަންފީޒުކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ އޮނިގަނޑެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެކި ދާއިރާތަކަށް ބޭނުންވާ އިރުޝާދު މި ތާވަލުތަކުން ލިބޭނެކަމަށާއި، މި ތާވަލުތަކުގައި ހިމަނާފައިވާނީ ކޮންމެ ދާއިރާއެއްގައިވެސް ހިމެނޭ ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ތަންފީޒުކުރާނެގޮތް، އަދި އެކަމުގައި ހިމެނޭ ވަކިވަކި ހަރަކާތްތައްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
މި ޕްލޭންއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ހުސާމް ޝަރީފް ވިދާޅުވީ، އެސް.އޭ.ޕީ އެކުލަވާލުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާފައިވަނީ ސަރުކާރުގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއި، ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކާއި، އެޖެންޑާ 19 އާއި، މިނިސްޓީރިއަލް ޕްލޭންތަކާއި ސެކްޓޯރަލް ޕްލޭންތަކުގެ އިތުތުން ފަންނީ ތަޖުރިބާކާރުންނާއި ބޭރުގެ ކަމާބެހޭ މާހިރުން ދެއްވާފައިވާ ލަފާތަކުގެ މައްޗަށްކަމަށެވެ.
2019އިން 2023އަށް އެކުލަވާލާފައިވާ އެސް.އޭ.ޕީގައި ހިމެނޭ ކޮންމެ ދާއިރާއަކަށް ބޭނުންވާ ސިޔާސަތުތަކާއި، އިސްތިރާޖުތަކާއި، ހަރަކާތްތަކުގެ އިތުރުން ކޮންމެ ދާއިރާއަކުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ތަފްޞީލުކޮށް ހިމަނާފައިވެއެވެ. އަދި މި ޕްލޭންގައި ޤައުމީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ތަރުތީބުކުރެވި، ދެލިކޮށް، ނަންބަރުޖެހި، މުއްދަތު ޖަހާފައިވެއެވެ.
އެސް.އޭ.ޕީ މުހިއްމުވާ މައިގަނޑު އެއްކަމަކީ ރާއްޖޭގެ ތަރައްޤީގައި ކުރިއަށްއޮތް 5 އަހަރު އިސްކަންދޭނެ ކަންކަން ސަރުކާރާއި، މިނިވަން މުޢައްސަސާތައް، ސަރުކާރު ހިއްސާވާ ކުންފުނިތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް އަދި އެހީ ދޭ ބޭރުގެ ފަރާތްތަކަށްވެސް އެނގި، އެ މަގަށް މިސްރާބު ޖެހުމަށް އެސް.އޭ.ޕީއިން މަގުފަހިކޮށްދޭނެތީކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އެސް.އޭ.ޕީގެ މައިގަނޑު އަމާޒަކީ މިކަންކަން ކުރުމުގައި އެންމެވެސް އެއް ހަމައަކަށް ގެނެސްދިނުންކަން ސަރުކާރުން ފާހަގަކުރައްވައެވެ.