ވިޔަފާރި

މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް ފަށައިފި


މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ބާއްވާ ޓޫރިޒަމް ކޮންފެރެންސް ފަށައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް ގައި ކުރިއަށްދާ މި ކޮންފެރެންސްގައި ޓޫރިޒަމް މިިނިސްޓަރ އަލީ ވަހީދާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކާއި، ދައުލަތުގެ ވަޒީރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ކޮންފަރެންސަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މިހާރު އޮތް މިންވަރު ދެނެގަނެ، މިދާއިރާ ހަރުދަނާ ކުރުމަށް ހުރި ކަންތައްތައް ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ކޮންފެރެންސެއްކަމަށެވެ. އަދި އުއްމީދަކީ މި ކޮންފަރެންސްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ހަރުދަނާ ބަދަލުތަކެއް ގެނައުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ބާއްވާ މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފާރާތްތަކުން ތަފާތު 4 މަޢުޟޫޢުއަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުންނެވެ. މި ސެޝަންގައި ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި އިނގިރޭސިވިލާތުގެ ސަލާމަތީކަންކަމާއި ގުޅޭ ފަރާތްތައް ބައިވެރިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔާތްކޮށްގެން ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ދިއުމުގެ މުހިއްމުކަމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދުރަށްދެވޭނެ ގޮތްތަކާއި، އެއްތަނުން އަނެއްތަނަށް ގަސް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވޭނެއެވެ. އަދި ދިވެހިންނަށް ފަތުރުވެރިކަމުގައި ވަޒީފާގެ ފުރުސަތު ފަހިކުރުމާއި މިކަމުގައި ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި ބަލާނެ ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ. އަދި ހަމައެހެންމެ، ދިވެހި ފަންނާނުންނާއި އުފެއްދުންތެރިންނަށް ވެސް ޙާއްސަ ސެޝަނެއް ކުރިއަށްދާނެއެވެ. މި ސެޝަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ފަންނާނުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެވެ. މި ކޮންފަރެންސްގެ އިތުރުން ފަތުރުވެރިކަމާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދި ފްރީ ޑައިވިންގ ހަރަކާތަކާއި ޓޫރިޒަމް އޯޕަން ޑޭއާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓަރ ފާހަގަކޮށްލެވެއެވެ.