ޚަބަރު

"މާލެ ފަޔަރ ރިލީފް" ފަންޑަށް މިހާތަނަށް 2.4 މިލިއަން ރުފިޔާ


ފެނަކަ ކޯޕަރޭޝަނުން ދިން އެހީއާއެކު "މާލެ ފަޔަރ ރިލީފް" އެކައުންޓަށް މިހާތަނަށް އައިރު 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަަމަށް އެންޑީއެމްއޭއިން ހާމަކުރައްވައިފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން 2 ހަފްތާގެ މުއްދަތަށް ރިލީފް އެކައުންޓެއް ވަނީ ހުޅުވާފައެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކުރީ ވަނީ "މާލެ ފަޔަރ ރިލީފް" އެކައުންޓަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަން ހާމަކުރައްވާފައެވެ.

އެގޮތުން މިހާތަނަށް އައިރު މި އެކައުންޓަށް 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަަމަށް އުމަރު ހާމަކުރެއްވިއެވެ. އެގޮތުން އެ އެކައުންޓަށް ދެ މިލިއަން ހަތަރު ސަތޭކަ ސާޅީސް ހަހާސް ހަތްސަތޭކަ ފަންސާސް ދެ ރުފިޔާ ތިރީސް ހަތް ލާރި ޖަމާވެފައިވާކަމަށް އުމަރު ވިދާޅުވިއެވެ. މި އެކައުންޓަށް އެހީ ފޮނުވުުމުގެ ފުރުސަތު އަންނަ އާދިއްތް ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ، މި އެކައުންޓަށް މިހާތަނަށް އައިރު އެންމެ ބޮޑު އެހީއެއް ފޯރުކޮށްދީފައިވަނީ ފެނަކައިން ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ފެނަކައިން 1 މިލިއަން ރުފިޔާގެ އެހީ މި އެކައުންޓަށް ދީފައިވާކަމަށެވެ.

"އަޅުގަނޑުމެން އަންނަ ހަފްތާގެ އާދިއްތަ އާއި ހަމައަށް އެހީގެ އެކައުންޓް ހުޅުވާފައި ހުންނާނީ. އަޅުގަނޑުމެން މިހާރު ސްޓްރަކްޗަރަލް އެސެސްމެންޓް މިހަދަނީ. އަދި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ބަލާ މިކަމުގެ ސަބަބުން ގެއްލުން ކަލްކިއުލޭޓް ކުރުމުގެ މަސައްކަތް ކުރަނީ. މި މަސައްކަތް ނިމުނުހާ އަވަހަށް އެފެކްޓެޑް ފެމިލީސްއަށް އެހީ ފޯރުކޮށްދޭނަން." އުމަރު ފިކްރީ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަލިފާނުގެ އަސަރުކުރި ފަރާތްތަކަށް އެހީވުމުގެ ގޮތުން އެންޑީއެމްއޭއިން ދަނީ އިތުރު ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ، ކާބޯ ތަކެއްޗާއި އަންނައުނުގެ އެހީ އެންޑީއެމްއޭއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މިހާދިސާގައި އެސެސްކުރަންޖެހޭކަންތައްތައް އެންޑީއެމްއޭއިން ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާއި، ޖަމިއްޔާޖަމާއަތްތަކާއި ގުޅިގެންދަނީ ކުރަމުންނެވެ.