ޚަބަރު

11 ރަށެއްގެ ބިން ހިއްކަން އީއައިއޭ ހަދާ ޑިިޒަންއިން ކުރުމަށް ބަޔަކަށް


އެގާރަ ރަށެއްގެ ބިން ހިއްކުމުގެ މަަޝްރޫޢުގެ އީއައިއޭއާއި ޑިިޒަންއިން ކުރުމާއި ދެރަށުގެ ބަނދަރު ބޮޑުކުރުމާއި ދެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ.

ބިމުގެ ޖާގައިގެ ދަތިކަން ހުރި ރަށްތައް ބަލައި ޕްލޭނިންގ މިނިސްޓްރީންވަނީ 11 ރަށެއްގައި ބިން ބޮޑުކުރުމަށް، ބިން ހިއްކުމުގެ މަޝްރޫޢު ހިންގުމަށް ނިންމާފައެވެ. އަދި މިރަށްތަކުގެ ބިން ހިއްކޭނެތޯ ބެލުމަށް ތިމަވެއްޓަށް ގެއްލުންވާ މިންވަރުބަލާ ރިޕޯޓް ހެދުމާއި، މި 11 ރަށުގެ މަސައްކަތް ޑިޒައިން ކުރުމަށް ވަނީ 3 ކުންފުންޏަކާ ޙަވާލުކޮށްފައެވެ.

ބިން ހިއްކުމަށް އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމާއި، މަޝްރޫޢު ޑިޒައިން ހެދުމަށް ނިންމާފައިވާ ރަށްތައް

  • ފ.މަގޫދޫ
  • ފ.ފީއަލި
  • ދ.މާއެންބޫދޫ

3 މަސްތެރޭގައި މި ތިން ރަށުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 599ހާސް ރުފިޔާއަށް ވޯޓަރ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

  • އއ.ބޮޑުފުޅަދޫ
  • އއ.އުކުޅަސް
  • ތ.ހިރިލަންދޫ
  • ލ.މާވަށް

މި 4 ރަށުގެ ބިން ހިއްކުމަށް އީއައިއޭ ހެދުމާއި ޑިޒައިން މަސައްކަރް ހަވާލުކޮށްފައިވަނީ 9ލައްކަ ރުފިޔާއަށް 45 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

  • ގއ.ދާންދޫ
  • ގދ.މަޑަވެލި
  • ސ.މަރަދޫ
  • ސ.މަރަދޫފޭދޫ

މިރަށްތަކުގެ ބިންހިއްކުމުގެ އީއައިއޭ ހެދުމާއި، ޑިޒައިން މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެނަރޖީ އެންޑް އެންވަޔަރަމެންތް ކޮމްޕެނީއާއެވެ. 2 މަސް ތެރޭގައި މިރަށްތަކުގެ ބިންހިކުމުގެ އީއައިއޭއާއި ޑިޒައިން މަސައްކަތް ހަވާލުކޮށްފައިވަނީ ހަތް ސަތޭކަ ނުވަދިހަ ދެ ހާސް ރުފިޔާއަށެވެ.

ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހަވާލުކޮށްފައިވާ ރަށްތަކަކީ ރ.އަނގޮޅިތީމު އަދި ހދ.ކުރިނބީއެވެ.

  • ރ.އަނގޮޅިތީމު – 19.5 މިލިއަން ރުފިޔާ
  • ހދ.ކުރިނބީ – 19.67 މިލިއަން ރުފިޔާ

2 ރަށުގެ ފެނާއި ނަރުދަމާ އެޅުމުގެ މަަޝްރޫޢުގެދަށުން ޑިޒައިންކުރުމާއި ރަށުގައި ފެނާއި ނަރުދަމާ ވިއުގަ އެޅުމާއި ނަރުދަމާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމާއި އާރް.އޯ ޕްލާންޓް ހެދުމާއި ސްޓޯރޭޖް ޓޭންކާއި، ސީ އައުޓްފޯލާއި، އޮފީސް އެޅުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ވިތް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސްއާ ޙަވާލުކޮށްފައިވަނީ 1ހަރާއި 10މަސް ތެރޭގައި ނިންމާގޮތަށެވެ.

ޕްލޭނިންގ މިނިސްޓްރީންވަނީ 2 ރަށުގެ ބަނދަރު ހެދުމަށްވެސް ޙަވާލުކޮށްފައެވެ. މި ރަަށްތަކު ތެރޭގައި ހިމެނެނީ ވ.ރަކީދުއާއި ތ.ގުރައިދޫއެވެ.

ރަކީދޫގައި 164މީޓަރުގެ އެއްގަމު ތޮއްޓާއިއެކު ބަނދަރު ހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 18 މިލިއަން ރުފިޔާއަށް 11 މަސް ތެރޭގައި ނިންމާގޮތަށެވެ. ތ.ގުރައިދޫގައި ހަދަނީ 370މީޓަރުގެ ބަނދަރެކެވެ. 46މިލިއަން ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 15 މަސް ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުތައް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.