މާލީދާއިރާއަށް އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކުރުވުމަށް ބެންކް އޮފް މޯލްޑިވްސްއިން ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބޭންކިންގ އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތުވަނީ ދީފައެވެ. މީގެ އިތުރުން އެކި ކުންފުނިތަކާއި މުޢައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން ބޭންކުން ވަނީ އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް އުމުރުން ދުވަސްވީ މީހުންނަށް ކިޔާދީފައެވެ.
މިބައްދަލުވުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެމަގު ފަހިކުރުމަށް އެ ބެންކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާކުރިއެވެ.
ބީއެމްއެލްއިން ބޭއްވި މި ހަރަކާތަކީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޖްޑް ކެއަރ މޯލްޑިވްސްއާއި ގުޅިގެން ބޭއްވި ހަރަކާތެކެވެ.