ސަޤާފީ ދާއިރާއާއި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން، ޗައިނާ ސަފީރު ޒޭންގ ލީ ޒޮންގްއާ ޙިއްސާކުރައްވައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރ ޔުމްނާ ވަނީ ރާއްޖޭގައި އެކި ފަންނުތައް ކުރިއެރުވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ. އަދި ސަޤާފަތް ދަމަހައްޓައި ސަޤާފީ ކަންކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ތަރިކައާއި ސަޤާފަތާއި އަދި ފަންނުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ޗައިނާ ސަފީރު ޒޭންގް ލީ ޒޮންގއަށް މިނިސްޓަރ ޔުމްނާ ވަނީ ދެއްވާފައެވެ. އަދި ރާއްޖެއަށް އެކި ގޮތްގޮތުން ކުރިއެރުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޢުލޫމާތުދެއްވާފައެވެ.
އަދި ދެޤައުމު ގުޅިގެން ސަޤާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމުގެ މައްޗައްވެސް މި ބައްދަލުވުމުގައި އަލިއްޅުއްވާލާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.