ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅަކަމަށްބުނެ ދުނިޔޭގައި ކުރިއަށްގެންދާ "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ރާއްޖޭގައިވެސް ކުރިއަށް ގެންގޮސްފިއެވެ.
ސްކޫލަށާއި ކޮލަޖަށް އަދި މަސައްކަތަށް ނުނުކުންނަ ޒުވާނުންނާއެކު ކުރިއަށްގެންދިޔަ މި އިހުތިޖާޖު ބާއްވާފައިވަނީ ވެލާނާގެ އޮފީސް ޢިމާރާތު ކުރިމަތީގައެވެ. ހެނދުނު 07:45 އިން މެންދުރު 12:00އާ ހަމައަށް ކުރިއަށްގެނދިޔަ މިއިހުތިޖާޖުގެ ބައިވެރިވެރިން ތިބީ ތިމާވެށްޓާ ރަށްޓެހި ގޮތަކަށް ރާއްޖޭގެ ހުރިހާ މަޝްރޫޢުތައްވެސް ކުރިއަށް ގެންދިއުމަށް ގޮވާލައި ބެނާތަކާއި ތިމާވެށްޓާ ބެހޭގޮތުން ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
އިހުތިޖާޖުގެ ބައިވެރިންގެ މައިގަނޑު ހުށައެޅުމަކީ ތިމާވެށްޓަށް ގެއްލުންވާގޮތަށް ފަޅުފުންކުރުމާއި، ބިން ހިއްކުންފަދަ މަޝްރޫޢުތައް ކުރިއަށް ނުގެންދިއުމާއި، ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުން ހުއްޓާލުމެވެ.
ސުލަހްވެރި އެއްވުމެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މިޙަރަކާތުގައިވަނީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން މިޖީލާއި އަންނަންއޮތް ޖީލު ސަލާމަތްކޮށްދިނުމަށް ގޮވާލާފައެވެ. މިއިހުތިޖާޖު މާލޭގެ އިތުރުން ރާއްޖޭގެ ޢާބާދީ ބޮޑެތި ރަށްރަށުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ އިހުތިޖާޖު މާދަމާވެސް އެކި ޤައުމުތަކުގައި ކުރިއަށްދާނެއެވެ. މިއީ ސްޕެއިންގެ ޢުމުރުން 16 އަހަރުގެ ސްކޫލް ދަރިވަރެއްކަމަށްވާ ގްރެޓާ ތަންބާގު ފެށި ހަރަކާތުގެ ތެރެއިން ކުރިއަށްދާ ހަރަކާތެކެވެ.
ގްލޯބަލް ކްލައިމެޓް އެކްޝަން ސަމިޓް ފެށުމުގެ ތިން ދުވަސް ކުރިން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާއި ދަރިވަރުން އިސްނަގައިގެން ހިންގި މިޙަރަކާތުގެ އެންމެ އިސްސަފުގައި ހުރީވެސް ގްރެޓާ ތަންބާގެވެ.
ރާއްޖެއިންވެސް އަންނަނީ މޫސުމީ ބަދަލުތަކަށް ޢާންމުން ހޭލުންތެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެންނަމުންނެވެ. އަދި ރާއްޖެއިން މިހާރު ވަނީ 2013 ވަނަ އަހަރުގެ ކުރިން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް އަމާޒުހިފާފައެވެ.