އެމެރިކާގެ ނިއުޔޯކާއި ޗިލީގައި އދން ބާއްވާ ތިމާވެއްޓާބެހޭ ދެ މަހާސިންތާއަކަށް ދިއުމަށް އުމުރުން އެންމެ 16 އަހަރުގެ ސްވިޑަނަށް އުފަން ޒުވާން އެކްޓިވިސްޓް ގްރެޓާ ތުންބަރގް ދަތުރުފެށީ މީގެ 4ވަރަކަށް ހަފުތާކުރިން އިނގިރޭސިވިލާތުގެ ދެކުނުގެ ބަނދަރަކުންނެވެ. އެޓްލާންޓިކް ކަނޑު ހުރަސްކުރުމަށް އޭނާ ބޭނުންކުރީ އިރުން އުފައްދާ ހަކަތަ ބޭނުންކުރާ އިންޖީނެއް އަޅާފައިވާ ޔޮޓެކެވެ.
އޭނާގެ އެންމެ ފުރަތަމަ މަންޒިލުކަމަށްވާ ނިއު ޔޯކުގައި ބޭއްވި ކްލައިމެޓު އެކްޝަން ސަމިޓުގައި އޭނާ ބައިވެރިވެ، ވާހަކަދެއްކިއެވެ. އދގެ 74ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގެ އެއް ދަންފަޅީގައި ދިވެހިރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، އެންމެންގެ ނަޒަރު ހުއްޓުނީ އޭގެ ފަހުން ބޭއްވި ދަންފަޅިއަކަށެވެ. އެއީ، ތުންބަރގް ދެއްކި އަސަރުގަދަ ވާހަކައަށެވެ.
އޭނާ ދެއްކި ވާހަކައިގައި ތުންބަރގް ބުނީ ދުނިޔޭގެ ލީޑަރުންގެ ސަމާލުކަން ތިމާވެށީގެ މައްސަލަތަކަށް ގެނައުމަށް އޭނާއަށް ލިބިފައިވާ ހުރިހާ ވަޞީލަތްތަކެއްގެ ބޭނުންކުރާނެކަމަށާއި ތިމާވެށީގެ މައްސަލަތަކަކީ މިހާރު އަޅާނުލައި ދޫކޮށްލެވޭވަރަށްވުރެ ނުރައްކާތެރި ޙާލަތެއްގައި އޮތް މައްސަލަތަކެއްކަމަށެވެ. ތިމާވެއްޓަށް އަންނަ ބިރުވެރި ބަދަލުތަކާމެދު އަޅާނުލާ ފަރާތްތަކަށާއި އެކަމާބެހޭ ޢިލްމީ ޙަޤީޤަތްތައް ޤަބޫލުކުރަން ބޭނުންނުވާ ފަރާތްތަކަށް އިޝާރާތްކުރައްވައި ތުންބަރގް ބުނީ އޭނާ އެކަމާ ދެރަވާކަމަށާއި އޭނާ އެފަދަ ފަރާތްތައް އެއްފަރާތް ކުރާނެކަމަށެވެ. އަދި ތިމާވެއްޓާބެހޭ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށްގެން ނޫނީ އެއްވެސް ވާހަކައެއް ނުދައްކާނެކަމަށާއި ދުނިޔޭގައިވާ ދިރުންތައް ނެތިދިޔުމާއި ދުނިޔެ ފަނާވުމުގެ މަރުޙަލާ ފެށިފައިވާކަން ދެނެގަތީ ޢިލްމީ ހަޤީޤަތްތަކުގެ އަލީގައިކަމަށްވެސް ތުންބަރގް ބުންޏެވެ.
ތިމާވެއްޓާއި ގުޅޭ ގިނަ އެއްވުންތަކެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބާއްވާފައިވާ ތުންބަރގް ބުނީ ތިމާވެށި ހަލާކުވަމުންދާ މައްސަލަ ޤަބޫލުނުކުރާ ފަރާތްތައްތިބި ނަމަވެސް އެކަން ބަދަލުވެ، ތިމާވެއްޓާމެދު ސަމާލުކަން އިތުރުވަމުންދާތީ އުފާކުރާކަމަށެވެ. ނަމަވެސް، އޭނާ އެކަނި އެންމެންގެ ވިސްނުން ބަދަލުނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
ތިމާވެށީގެ މައްސަލައިގައި ސިޔާސީ ފަރާތްތަކުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ތުންބަރގް ވިދާޅުވީ އެކަމުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމަށް ނުބެލެވޭކަމަށާއި ތިމާވެއްޓާބެހޭ އދގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުން އަންނަންއޮތް ޖީލުތަކަށް ސަމާލުކަން ދެއްވަންޖެހޭކަމަށެވެ. އެކަން ނުކުރައްވައިފިނަމަ އެ ބޭފުޅުންނަށް ދުވަހަކުވެސް މަޢާފް ނުކުރައްވާނެކަމަށް ޒުވާން އެކްޓިވިސްޓް ބުންޏެވެ.
ތިމާވެށީގެ މައްސަލަތަކަކީ ޙަޤީޤީ މައްސަލަތަކެއްކަމަށާއި ވެށި ޙިމާޔަތް ކުރުމަކީ މި ޖީލުން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަމަށް ތިމާވެށީގެ ޒުވާން އެކްޓިވިސްޓް ފާހަގަކުރިއެވެ. ތުންބަރގް ބުނީ ދުނިޔޭގެ ތިމާވެށި ހަލާކުވެ ރޫޅެމުންދާކަމީ ޙަޤީޤަތެއްކަމަށާއި ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ދުނިޔޭގައި ލައްވާފައިވާ ދިރުންވާ ހުރިހާ އެއްޗެއް ނެތި ފަނާވުމުގެ މަރުޙަލާ ފެށިފައިވާކަމީ ހިތާމަކުރަންޖެހޭ މައްސަލައެއްކަމަށެވެ.
ތިމާވެއްޓާބެހޭ މަހާސިންތާއަށް ދަތުރުކުރުމަށް މަތިންދާބޯޓުގެ ބަދަލުގައި އިރުން އުފައްދާ ހަކަތަ ބޭނުންކުރާ ޔޮޓެއް އިޚްތިޔާރުކުރީ މަޝްހޫރުވާންވެގެން ނޫންކަމަށާއި އެކަން އެގޮތަށް ކުރެއްވީ ތިމާވެށީގެ މައްސަލަތަކަށް ދުނިޔޭގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައިކަމަށްވެސް އޭނާ ބުންޏެވެ. ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ވެރިންގެ ސަމާލުކަމަށް ގެނައުމަށް ތުންބަރގް ކުރާ މަސައްކަތްތަކާއި އެކަމުގައި އޭނާ ކުރަމުންދާ އާދަޔާ ޚިލާފު ހިތްވަރުގެ ސަބަބުން މުޅި ދުނިޔޭގައި އޭނާ މަޝްހޫރުވެގެންދިޔަނަމަވެސް ތުންބަރގް ބުނީ އޭނާގެ ބޭނުމަކީ ތިމާވެށި ހަތިޔާރަކަށް ހަދައިގެން މަޝްހޫރުކަން ހޯދުން ނޫންކަމަށެވެ. އެގޮތުން، އޭނާގެ ބޭނުމަކީ ތިމާވެށި ޙިމާޔަތްކުރުމަށް ފަރުދީގޮތުން އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުންކަމަށާއި ތިމާވެށި ޙިމާޔަތްކުރުމަކީ ކޮންމެ ފަރުދަކުވެސް ދުނިޔެއަށްޓަކައި އަދާކުރަންޖެހޭ ވާޖިބެއްކަން ނިއުޔޯކްގައި ބޭއްވި އދގެ މަހާސިންތާގައި ތުންބަރގް ފާހަގަކުރިއެވެ.
މި އަހަރުގެ މެއި މަހު، ދުނިޔޭގެ މަޝްހޫރު ޓައިމްސް މަޖައްލާގެ ބޭރުގަނޑުގައި ތުންބާރގްގެ ފޮޓޯގަނޑެއް ޝާއިޢުކޮށްފައިވެއެވެ. އަދި އޭނާ ސިފަކޮށްފައިވަނީ ކުރިއަށް އޮތް ޖީލުތަކުގެ ލީޑަރެއްގެ ގޮތުގައެވެ.