މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް ނުވަތަ މޫސުމީ ބަދަލުތަކުން ރަށްރަށަށް ކުރިމަތިވާ ގެއްލުން އެންމެ ކުޑަކުރެވޭނެ އެންމެ ޒަމާނީ ގޮތަށް، އެހެން ޤައުމުތަކުންވެސް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ 74ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ތެރެއިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދިޔަ "ކްލައިމެޓް އެކްޝަން ސަމިޓް" އަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒަށް ވާޞިލުވުމަށް ޤައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.
މި ސަމިޓުގައި ތަޤްރީރްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއިން ޢަމަލު ކުރަމުން ގެންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ނުވަތަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ. އަދި، މިފަދަ މޮޑެލެއް އިޙުތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ޤުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމަޢެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ކުދި ޖަޒީރާ ޤައުމުތައް ޙިއްޞާވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ފަދަ ޖަމާޢަތްތަކުގެ އެހީއާއެކު ކުދި ޖަޒީރާ ޤައުމުތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތް ޙިއްޞާކުރައްވާފައެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޢަމަލުކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްކަން ފާހަގަކުރައްވައި އެއީ ކުދި ޖަޒީރާ ޤައުމުތަކަށް އެކަށޭނަ އަދި ގުޅިގެން ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު ޢަމަލުރަމުން އަންނަ މޫސުމީ ހާދިސާތަކުން ގެއްލުން އެންމެ ކުޑަވާގޮތަށް ޢަމަލުކުރާ އުސޫލް އެހެން ޤައުމުތަކުންވެސް ކުރިއަށްއޮތް ތަނުގައި ޢަމަލުކުރުމަށް އަޅުގަނޑު ގޮވާލަން." ރައީސް ވިދާޅުވިއެވެ.
"ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވާނީ ތިމާވެއްޓާބެހޭ މައިގަނޑު އެގާރަ ދާއިރާއަކުން ޙާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ތިމާވެއްޓާ ރަޙުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްޤީ ގެނައުމާއި އިޢާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެއެވެ.
މިބައްދަލުވުމުގައި ރާއްޖެއިން ތަންފީޒު ކުރަމުންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" ފަދަ މޮޑެލެއްގެ ބޭނުން ހިފުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ، ކާބަން ބޭނުންކުރާ މިންވަރު މަދު އިޤްތިޞާދެއް ބިނާކުރުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ބޮޑުކަމާއި އޭގެ ނުރާއްކާތެރިކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.