މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީވުމުގެ ފުރުޞަތު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހުޅުވާލައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި "20 ސެޕްޓެމްބަރ މާލެ ފަޔަރ ރިލީފް އެކައުންޓް"ގެ ނަމުގައި ޚާއްސަ ރިލީފްއެކައުންޓެއް ހުޅުވާލާފައިވާކަމަށެވެ. ހިސާން ވަނީ މި އެކައުންޓް ނޫން އެހެން އެއްވެސް އެކައުންޓަކުން އެންޑީއެމްއޭއިން ފައިސާގެ އެހީ ބަލައިނުގަންނާނެކަން ފާހަގަކުރައްވާ މިކަމަށް އާންމުން ސަމާލުވުމަށް ގޮވާލައްވާފައެވެ.
އެންޑީއެމްއޭގެ ރިލީފް އެކައުންޓްގެ ނަން: 20September Male’ Fire Relief Account
އެކައުންޓް ނަންބަރު: 7730000284246
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަލިފާނުގެ އަސަރުކުރި ފަރާތްތަކަށް އެހީވުމުގެ ގޮތުން އެންޑީއެމްއޭއިން ދަނީ އިތުރު ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ، ކާބޯ ތަކެއްޗާއި އަންނައުނުގެ އެހީ އެންޑީއެމްއޭއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މިހާދިސާގައި އެސެސްކުރަންޖެހޭކަންތައްތައް އެންޑީއެމްއޭއިން ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާއި، ޖަމިއްޔާޖަމާއަތްތަކާއި ގުޅިގެންދަނީ ކުރަމުންނެވެ.