ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން މާދަމާގެ މުޒާހަރާގައި ބައިވެރިވާ ފަރާތްތަކާ އަމަން ބަލަހައްޓާ ފަރާތްތަކުން އަމަލުތައް ބެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗް.އާރ.ސީ.އެމުން އިލްތިމާސްކޮށްފިއެވެ.އެޗް.އާރ.ސީ.އެމުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައިވަނީ، ޤާނޫނު އަސާސީއާއި، ޤާނޫނުން ލިބިދިފައިވާ އެއްވެއުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ހެޔޮގޮތުގައި ބޭނުންކުރުމަށް ބުރޫނާރާނެ ގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެހެއްޓުމަށާއި، ޚިޔާލު ފާޅުކުރުމުގައި އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް، ލާއިންސާނީ ބަސްމަގު ބޭނުން ނުކުރުމާއި، މީހުންގެ އަބުރާއި އިއްޒަތް ނުގެއްލޭނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.ހަމައެހެންމެ ޤައުމީ މަސްލަހަތަށް އިސްކަން ދިނުމާއެކު، ނަފުރަތާއި ރުޅިވެރިކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.މީގެ އިތުރުން ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް މުޒާހަރާގެ ޚަބަރުތައް ގެނެސްދޭއިރު، ޒިންމާދާރުކަމާއެކު ޚަބަރުތައް ގެނެސްދިނުމާއި، ސައްހަ މައުލޫމާތު އާއްމުކުރުމަށް އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.މާދަމާގެ މުޒާހަރާ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، މިކަމުގައި އެ ކޮމިޝަނަށް ކަމާގުޅޭ ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ދެއްވުމަށްވެސް އެޗް.އާރ.ސީ.އެމްގެ ބަޔާނުގައި ބުނެފައިވެއެވެ.ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގަމުންދާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި މިއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.