"އޭރު މާލޭގައި ކުޅެން އޮންނަނީ ބެޑްމިންޓަން އިންޑޯ ދެ ކޯޓު. އަޅުގަނޑުމެން ކުޅެން ދަނީ ޗާންދަނީ މަގުގަ ހުންނަ އިންޑޯ ސްޓޭޑިއަމް ކިޔާ ދެ ކޯޓުގެ ފެސިލިޓީއެއްގައި. ދެ ކޯޓު އޮތީމަ ކުޅެން ފުރުސަތު ލިބޭތޯ ކުޅުންތެރިން ތިބޭނެ ކިޔު ހަދާފައި. ސްޓޭޑިއަމް ބޭރުގައި އޭރު ގްރޫޕް ހަދައިން ސަފުސަފަށް ކުޅުންތެރިން ތިބޭނެ" މިއީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މީގެ 23 އަހަރު ކުރިން ބެޑްމިންޓަން ފަރިތަކުރަން ކުރެއްވި މަސައްކަތް އޭނާ ހަނދާންކުރެއްވި ގޮތެވެ.
ޗާންދަނީ މަގުގައި ހުންނަ އިންޑޯ ސްޓޭޑިއަމަށް އޭރު ގޮސް ކުޅެން އުޅޭއިރު އެންމެ ހިތްދަތިވާކަމަކީ ސްކޫލް ކުދިން ފަރިތަކުރަން ގެންގޮސް ބެލެނިވެރިން އެތަނުގައި މަޑުކުރަން ޖެހުމެވެ. ޖާގައިގެ ގޮތުން އެހާ ތަނަވަސް ނޫން ހޯލެއް އޮތުމުން އޭރު ކުރަން ޖެހުނު ތަކުލީފެވެ.
1996ވަނަ އަހަރުގެ ފަހުކޮޅު ކުޅިވަރު މިނިސްޓްރީން އެކުވެނި އިންޑޯގައި ބެޑްމިންޓަން ކުޅެވޭނެ މަގު ތަނަވަސްކޮށްދިނެވެ. 4 ކޯޓުގެ ފެސިލިޓީއަކާއިއެކު ބެޑްމިންޓަން ފުޅާކުރަން އެރު ހިންގަން ތިއްބެވި ބޭފުޅުންނަށް އިތުރު ހިތްވަރެއް ލިބުނެވެ. އެހެންނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ބެޑްމިންޓަން ކުރިއަރުވަން އޭރުވެސް ހުރަސަތެކެއް ދިމާވިއެވެ. ސަބަބަކީ އެކުވެނި އިންޑޯ ހޯލު އެހެން ބާސްކެޓްބޯޅައާއިއެކު ހިއްސާކުރަން ޖެހުމެވެ. މި ދެ ކުޅިވަރަށް ބަލާއިރު، ބެޑްމިންޓަން ކުޅެން ޖެހޭ ގޮތާއި އޭގެ ޒާތަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއް ލިބުނީ ބެޑްމިންޓަންއަށެވެ. އަދި އެކި ސަބަބުތަކާއިހުރެ އޭރު މާލޭގެ ސަރަހައްދުގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހުރިހާ ޕްރޮގްރާމްތަކެއްވަނީ ހުއްޓާލާފައެވެ.
އަތޮޅުތެރެއަށް ބެޑްމިންޓަން ފުޅާކޮށް އަތޮޅުތަކުގައި ތިބި މޮޅެތި ކުޅުންތެރިން ހޯދައި އެ ކުޅުންތެރިން ސްކައުޓްކުރުމުގެ މަސައްކަތް ބެޑްމިންޓަން އެސޯސިއޭޝަނުން ފެށި 2008ވަނަ އަހަރުގައެވެ. 10 އަހަރުގެ ދިގުރާސްތާ ޕްލޭނަކާއިއެކު ފެށި މަސައްކަތް ކާމިޔާބުކޮށް 2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމް އެއްކޮށް ބައިނަލްއަގްވާމީ މެޑަލް ކަރުގައި އަޅުވާލިއެވެ. މިއީ ދެ ޓީމަށް އެއްކޮށް އެއް މުބާރާތަކުން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މިއަހަރުވެސް ދެ ޓީމުން ބެޑްމިންޓަނުން އައިއޯއައިޖީގެ ލޯ މެޑަލް ކަރުގައި އަޅުވާލިއިރު، ދެ ޓީމްގައިވެސް އަތޮޅު ތެރެއަށް ނިސްބަތްވާ ކުޅުންތެރިން ގިނައެވެ. 10 އަހަރަށް ބަހާލައިންކުރި މަސައްކަތް ބެޑްމިންޓަން އެސޯސިއޭޝަނުން ކާމިޔާބުކަމާއިއެކު ނިންމާލީ ބެޑްމިންޓަންގެ ފުރަތަމަ ރަން މެޑަލްވެސް ހޯދާފައެވެ. އެ ރަން މެޑަލް ހޯދައިދިނީ އައިއޯއައިޖީގެ އަންހެން ސިންގަލްސް އިވެންޓުގައި ފާތިމަތު ނަބީހާ އަބްދުއްރައްޒާގެވެ.
ރާއްޖޭގެ ބެޑްމިންޓަން ކުރިއަރުވަން ބެޑްމިންޓަން އެސޯސިއޭޝަނުން 2008ގައި ހެދި ޕްލޭންގެ އެންމެ މުހިންމު ބަޔަކީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމެވެ. އެކަން ކާމިޔާބުކުރީ 2012ވަނަ އަހަރުގައެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ބާއްވައި ދިވެހި ކޯޓަށް ދުނިޔޭގެ މޮޅެތި ކުޅުންތެރިން ގެނައެވެ. ޖެހިގެން އައި އަހަރު މުބާރާތުގެ ފޯރިގަދަވެ ވާދަކުރި ކުޅުންތެރިންގެ ފެންވަރުވެސް މަތިވިއެވެ. މިހާރު ދުނިޔޭގެ ގަދަ ދިހައެއްގައި 2013ގައި ރާއްްޖޭގައި ބޭއްވި މުބާރާތުގައި ވާދަކުރި ކުޅުންތެރިން ހިމެނެއެވެ.
އެހެންނަމަވެސް މި މުބާރާތް ބޭއްވުމަށް 2014ވަނަ އަހަރު ހުރަސްތަކެއް ކުރިމަތިވެ އެއްކޮށް ހުއްޓާލަން ޖެހުނެވެ. ކުޅިވަރު އެކުވެނީގެ ބައެއް ހަލާކުވެ އެތަން މަރާމާތަށް ބަންދުކުރިއެވެ. މަރާމާތަށްފަހު އެކުވެނި ހުޅުވިއިރު، އެސޯސިއޭޝަން ކުރި މަސައްކަތް ޖެހުނީ ސުމަކުން ފަށާށެވެ. 2014އިން ފެށިގެން 2019އާއި ހަމައަށް ތިން ފަހަރު މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް ބާއްވަން ތާވަލްކުރި ނަމަވެސް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.
ބައިނަލްއަޤްވާމީ މުބާރާތްތައް އަލުން ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި އުއްމީދުތަކަށް އަލުން ދިރުމެއް ލިބުނީ މިއަހަރު ސަރުކާރުން ދެއްވި އެއްބާރުލުމާއިއެކުގައެވެ. ހޫނު ގަދަ ތަނެއްގެ ގޮތުގައި ފާހަގަކުރެވުނު އެކުވެނި އިންޑޯ ހޯލް މަރާމާތުކޮށް 5 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެތަނުގައި ބައިނަލްއަގްވާމީ މުބާރާތެއް މިވަނީ ފަށާފައެވެ. 4 ކޯޓާއިއެކު ކުރި މަސައްކަތް އެއް ގިޔަރު ކުރިއަށް ޖައްސާލަން މިހާރު 8 ކޯޓު ލިބިފައި އެބައޮތެވެ. ތަނުގެ ލައިޓިންގ ސިސްޓަމް ރަނގަޅުކުރެވިއްޖެއެވެ. މީގެ އިތުރުން އިންޑޯ ހޯލުގެ ހޫނުމިން ކުރިއަށްވުރެ 50 އިންސައްތަ މިވަނީ ދަށްކުރެވިފައެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗަރ ސީރީސްއާއިއެކު ބެޑްމިންޓަންގެ އަހަރުގެ ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތް މިވަނީ ފަށާފައެވެ. 15 ޤައުމަކުން 108 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރެއެވެ. މި މުބާރާތް ނިމުމާއިއެކު ދެން އޮތީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ކުޅުންތެރިން އިންތިޒާރުކުރި މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖެވެ. މި މުބާރާތުގައި އެކަނިވެސް 45 ޤައުމަކުން 268 ކުޅުންތެރިން ވާދަކުރާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ އެންމެ ބޮޑު މުބާރާތެވެ. އެންމެ ގިނަ ޤައުމުތަކުން އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްވެސްމެއެވެ.
މި ދެ މުބާރާތާއިއެކު ބެޑްމިންޓަން އާއިލާގެ އުއްމީތުތައް ހަގީގަތަކަށްވެއްޖެއެވެ. މެދުކެނޑުމަކަށްފަހު ރާއްޖޭގެ ބެޑްމިންޓަން ކޯޓުތަކުން ދުނިޔޭގެ މޮޅެތި ކުޅުންތެރިން ފެންނާނެއެވެ. ބެޑްމިންޓަން ފުޅާކޮށް ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އަމާޒަށް ވާސިލްވާން މާ ގިނަދުވަހެއް ނެތެވެ. 23 އަހަރަށްފަހު ބެޑްމިންޓަން އާއިލާއިން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހެން ފަށައިފިއެވެ.