ފަލަސްޠީނަށް ތާޢީދުކޮށް އދގެ ޢާއްމު މަޖިލީހުގައި ވޯޓުލާނެކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ވިދާޅުވެއްޖެއެވެ،
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ކުރިއަށް އޮތް އދގެ ޢާއްމު މަޖިލީހުގައި ދިވެހިރާއްޖެއިން ފަލަސްޠީނަށް ފުރިހަމައަށް ތާޢީދުކޮށް، ފަލަސްޠީނުގެ މައްސަލައިގައި އެ މަޖިލީހަށް ހުށަހެޅޭ ޤަރާރުތަކުގައި އެ ޤައުމާއި އެއްކޮޅަށް ވޯޓުލާނެކަމަށެވެ.
ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ފަލަސްޠީނުގެ މައްސަލަގައި ދިވެހިން ތިބީ އެ ޤައުމާއި އެކުގައިކަމަށާއި އެކަމަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި މުސްލިމް އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނެކޭ އެއްފަދައިން، އޭނާވެސްވާނީ ކުރިއަށް އޮތް އިސްރާއީލުގެ ޢާއްމު އިންތިޚާބު ކާމިޔާބުވެއްޖެނަމަ ފަލަސްޠީނުގެ އުރުދުން ވާދީއާއި އެހެން ބައެއް ސަރަޙައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރިކުރައްވާފައިކަމަށްވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު ލިބޭނެކަމަށާއި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާއި ޤުދުސަށް އިސްރާއީލުގެ ބައެއް ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ދިވެހިރާއްޖެއިން ދެކޮޅުހަދާ ކަންކަންކަމަށް ޝާހިދު ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް، އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ޤާނޫނީ ފިޔަވަޅުތައް އެޅުމަށެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލުވެސް ބައިވެރިވެވަޑައިގަންނަވައެވެ.