ޚަބަރު

ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އަންނަ އަހަރު އިންޑިއާގައި ހުޅުވަނީ


ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އަންނަ އަހަރުގެ ތެރޭގައި އިންޑިއާގައި ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީ މަދަސް ރާއްޖެއަކީވެސް މުއްސަނދި ސަޤާފަތަކާއި ތާރީޚެއްއޮތް ޤައުމެއްކަމުން ރާއްޖޭގެ ސަޤާފީ ކަންކަން ބޭރު ދުނިޔެއަށް އިސްތިހާރުކުރުމަކީ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް މަޤުބޫލުވެގެންދާނެކަމެއްކަމަށެވެ.

އަވަށްޓެރި އިންޑިއާއަކީވެސް މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ކުރިއަރަމުން އަންނަ މާކެޓެއްކަމުން، އިންޑިއާގައި ދިވެހިރާއްޖެ އިތުރަށް ޕްރޮމޯޓްކުރުމަށްޓަކާ ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އަންނަ އަހަރު އިންޑިއާގައި ހުޅުވުމަށް މިހާރު ތައްޔާރުވަމުންދާކަމަށް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ. އަދި މި ސެންޓަރު މެދުވެރިކޮށް ރާއްޖޭގެ ތާރީޚާއި ދިވެހި ބަހާއި ދިވެހި ރަހަތަށް އިންޑިއާގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާނެކަންވެސް ސަފީރުވަނީ ފާހަގަކުރައްވާފައެވެ.

"ޓްރެވެންޓްރަމްގައި ހުންނަ ކޮންސިއުލޭޓް އޮފީހުން ކަލްޗަރަލް އެކިއެކި ހަރަކާތްތައް ޢާއްމުކޮށް މިއިންތިޒާމްކުރަނީ. އަޅުގަނޑުމެންގެ ކަލްޗަރަލް ސެންޓަރެއް އިންޑިއާގައި ޤާއިމުކުރުމުގެ ވާހަކަ މަޝްވަރާތައްކުރެވި، ވަރަށް ކުރިންސުރެ އެމަސައްކަތް ކުރެވެމުންދަނީ. ނަމަވެސް އެކަން ހުއްޓިފައިއޮތީމަ އަލުން އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އިންޑިއާއާއެކު އެކަމުގެ މަޝްވަރާތައްވެސް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަޅުގަނޑުމެންނަށް އިންޑިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރެވޭނެ." ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށުމާއެކު އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ދިމާވި ދަތިތައް މުޅިންހެން ހައްލުކުރެވިފައިވާކަމަށެވެ.

އެގޮތުން މިދިޔަ މާރިޗުމަހުގެ ތެރޭގައި އިންޑިއާއި ރާއްޖެއާދެމެދު ވެވުނު ވިސާ އެއްބަސްވުމާއެކު ވިސާއާއި ގުޅޭގޮތުން އެމްބަސީއަށް ހުށަހެޅޭ ޝަކުވާތައް ވަރަށްބޮޑަށް މަދުވެފައިވާކަމަށް ސަފީރު ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިންނަށް ވިސާ ހޯދުމަށް އިންޑިއާއިންދިން ލުއިފަސޭހަތަކާއެކުވެސް އެ ޤައުމުގެ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން މިއީ ދިވެހިން ހަނދާން ނައްތާލައިގެންވާނެކަމެއް ނޫންކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިސަރުކާރުން އިންޑިއާއާއެކު ތަފާތު 15 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އެ އެއްބަސްވުންތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމުގެ މަސައްކަތް އެމްބަސީގެ ފަރާތުން ކުރަމުންދާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.