މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި 2017ވަނަ އަހަރު މަރާލާފައިވާ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ޢާއިލާއަށް އިންޞާފް ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަޤީންކަން ދެއްވާފައިވަނީ ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫއަށް މިއަދު ވަޑައިގެން އެރަށުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސް މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައި 31ވަނަ ދުވަހުގެ ރޭ ގަލޮޅު ހަނދުވަރުދޭ ގޯޅި ތެރޭގައި ހުންނަ ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. އަނަސް އަށް ހަމަލާދީފައި ވަނީ ހަތަރު ސައިކަލެއްގައި ދިޔަ އަށް މީހެއްގެ ތެރެއިން ހަތަރު މީހެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަނަސްގެ ޢާއިލާގެ އިތުރުން މީދޫގެ ބައެއް ޒުވާނުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުން އަނަސްގެ އާއިލާއާގެ ފަރާތުންވަނީ އެމައްސަލަ ބައްލަވައި ދެއްވައި އިންސާފު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.
އެ ވާހަކަތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަނަސްގެ ޢާއިލާއާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަނަސްގެ މަރުގެ މައްސަލަ، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާކަން ހާމަކުރައްވައި، އަނަސްގެ ޢާއިލާއަށް އިންސާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
2017ވަނަ އަހަރު އަނަސް މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުކަމަށާއި، އޭނާ މަރާލާފައިވަނީ އޮޅިގެންކަމަށް މިހާތަނަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ރ.އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސްއަށް ތޫނު އެއްޗަކުން ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބައްލަވާ މަރުގެ 25މައްސަލައިގެ ތެރޭގައި އަނަސްގެ މައްސަލަވެސް ހިމެނޭކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.