ޚަބަރު

ބެލްޓް އެންޑް ރޯޑް މީޑިއާ ކޮމިއުނިޓީ ސަމިޓް ބެއިޖިންގައި ކުރިއަށްގެންގޮސްފި


ތިންވަނަ ބެލްޓް އެންޑް ރޯޑް މީޑިއާ ކޮމިއުނިޓީ ސަމިޓް ބެއިޖިންގައި ކުރިއަށްގެންގޮސްފިއެވެ.

މިފޯރަމަކީ ޗައިނާގެ ޤައުމީ މީޑިއާ، ޗައިނާ މީޑިއާ ގުރުޕާއި ޗައިނާ އިންޓަރނޭޝަނަލް ޓެލެވިޜަން ކޯޕަރޭޝަނާއި ސަރުކާރުގެ ޕަބްލިކް ޑިޕްލޮމަސީ ޑިޕާޓްމަންޓް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މިއީ ބީއެމްއާރުސީން މެމްބަރު ޤައުމުތަކުގެ ބްރޯޑްކާސްޓިން މީޑިއާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސަމިޓެކެވެ. ޖުމުލަ 58 ޤައުމަކުން 130އަށްވުރެގިނަ މީޑިއާ ކުންފުނިތަކުން ބައިވެރިވާ މިފޯރަމްގައި ބީއާރްއެމްސީގެ މެމްބަރެއްގެ ހައިސިއްޔަތުން ޕީއެސްއެމް ނިއުސްގެ، ނިއުސްހެޑް މުޙަންމަދު އަފްސަލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ޗައިނާގެ ޕަބްލިސިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވޭންގް ޝިއާހުއާ ވިދާޅުވީ ބީއާރްއެމްސީއަކީ މެމްބަރު ޤައުމުތަކުގެ ޢާންމުންގެމެދުގައިވާ ގުޅުން ބަދަހިކުރަން މުހިންމު މަސްދަރެއްކަމަށެވެ. އަދި ޤައުމުތަކުގެ ތަރައްގީއަށްކުރާ މަސައްކަތުގައި ބީއާރްއެމްސީގެ މެމްބަރުންކުޅޭ ދައުރު މުހިންމުކަމަށެވެ.

މިފޯރަމްގެ މަގުސަދަކީ ބެލްޓް އެންޑް ރޯޑް މެމްބަރު ޤައުމުތަކުގެ މީޑިއާތަކުގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް ޤައުމުތަކުގެ މީޑިއާ ކުރިއެރުވުމާއި މި ދާއިރާއަށް އެންމެފަހުގެ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް މަސައްކަތް ކުރުމެވެ. އަދި މުޖުތަމަޢަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނުވުމަށް މީޑިއާއިން ކުޅޭ ރޯލް ހަރުދަނާކުރުމަކީވެސް މިފޯރަމްގެ އަމާޒެކެވެ. މިފޯރަމްގެތެރެއިން ބީއާރްއެމްސީން ކުރިއަށްގެންދިޔަ ކޮލިޓީ ޓީވީ ޕްރޮގްރާމް އުފެއްދުމާބެހޭ މުބާރާތް ގޯލްޑެން ރިބަަންގެ ވަނަތައްވެސްވަނީ އިއުލާންކޮށްފައެވެ.

މީގެއިތުރުން މިފޯރަމްގެ ތެރެއިން ތަފާތު ސެމިނާތަކާއި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވެއެވެ. ބީއާރްއެމްސީ ޤާއިމުކޮށްފައިވަނީ 2016ވަނައަހަރު ޗައިނާ ބެލްޓްއެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުންނެވެ. ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވަކީ ޗައިނާއިން އިސްނަގައިގެން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޤައުމުތައް ކަނޑާ އެއްގަމާއި ވައިގެމަގުން ގުޅުވާލާ އިގްތިސާދީ އިޖުތިމާއީ އަދި ތަރައްގީ ގެނައުމަށް ކުރިއަށްގެންދާ އިނިޝިއޭޓިވްއެކެވެ.