ސިޔާސީ

ސަރުކާރަށާއި ދާއިރާއަށް އިހްލާސްތެރި ހިދުމަތްތަކެއްދޭނަން- ފާރިސް


ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ވަފާތެރިކަމާއެކު ދާއިރާގެ
ރައްޔިތުނަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ރައްޔިތުންގެ
މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބު ކުރެއްވި އަހްމަދު ފާރިސް މައުމޫން
ވިދާޅުވެއްޖެއެވެ.



ދިއްގަރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބު ކުރެއްވުމަށްފަހު މިއަދު ހަވީރު
މާލެވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން ފާރިސް ވިދާޅުވީ ދިއްގަރު
ދާއިރާގެ ބައިއިލެކްޝަންގެ ނަތީޖާއިން ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން
އަބްދުލްޤައްޔޫމަށާއި، ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީށް އަލްއުސްތާޒް
މައުމޫން އަބްދުލްޤައްޔޫމަށް އޮތް ތާއީދު ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި
ސަރުކާރުގެ ތެރެއިން ދާއިރާއަށް ތަރައްޤީ ގެނެސްދިނުމަށް މަސައްކަތް
ކުރައްވާނެކަމަށް ފާރިސް ވިދާޅުވިއެވެ.



އިއްޔެއޮތް ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް ފާރިސް
މައުމޫން ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު 3 ކެނޑިޑޭޓުންނާ ވާދަކޮށް 59
އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ދިއްގަރު ދާއިރާގެ ބައިއިލެކްޝަން ބާއްވާފައިވަނީ
އެދާއިރާ ތަމްސީލް ކުރެއްވުމަށް ހުންނެވި މެންބަރު އަހްމަދު ނާޒިމްގެ މައްޗަށް
ޖިނާއީ ކުށެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އައުމާ ގުޅިގެންނެވެ.