ވިޔަފާރީގެ ފަހި ފުރުޞަތުތައް ތަނަވަސްކޮށްދީގެން އިޤްތިޞާދީ ރޮނގުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ "މަދްޔަ ޕްރަދޭޝް އެސޯސޮއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް"އިން 2ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ސަސްޓެއިނަބަލް ގްރޯތް އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް 2019)"ގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދެޞިނާޢަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށްވާއިރު، މިދާއިރާގައި އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލައި ކަނޑައެޅުމާއި ތަންފީޒުކުރުމުގެ މަރްޙަލާގައި އަންހެނުންގެ ދައުރު ރާއްޖޭގައި ފުޅާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޝިދާތާ ވިދާޅުވީ އަންހެން ވިޔަފާރިވެރިން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާ، ޚާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ އަންހެނުން ވިޔަފާރި ފެށުމަށް ލުއި ލޯނާއި، މޯބައިލް ބޭންކިންގގެ ޚިދުމަތް ލިބޭނެމަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މިހާރު ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ "ޖެންޑަރ އީކުއަލިޓީ ޕޮލިސީ"އާއި "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން" ވުޖޫދަށް އައުމުން އަންހެނުންނަށް އިޤްތިޞާދީ ބާރުވެރިކަން ދިނުމުގައި މުހިންމު ދަޢުރެއް އަދާކުރާނެކަމަށެވެ.
މިޕޮލިސީއާއި ޕްލޭންގެ ސަބަބުން އިޤްތިސާދީ ބައިވެރިވުމުގައި އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްވާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.
އިންޑިއާގައި ކުރިއަށްދާ "ސްވީޕް 2019"ގައި ރާއްޖޭގެ 21 އަންހެނުން ހިމެނޭ ވަފުދެއް ވަނީ ބައިވެރިވެފައެވެ. މިނިސްޓަރ ޝިދާތާ މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއަށް މި ކުރައްވާ ދަތުރުފުޅުގައިވަނީ ސައުތް އޭޝިއާ ވިމެން ނެޓްވަރކްގެ 10ވަނަ ކޮންފަރެންސްގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.