ސިޔާސީ

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް ކާމިޔާބުކުރައްވައިފި


މިއަދު ބޭއްވުނު
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ފާރިސް
މައުމޫން ބޮޑުތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

 އޭނާ މި އިންތިހާބު ކާމިޔާބު ކުރެއްވީ، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި،
އެމްޑީޕީގެ ކެންޑިޑޭޓަށްވުރެއް 475 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ. ފާރިސް އަށް
ލިބިވަޑައިގަތީ ޖުމްލަ 1238 (%59.4) ވޯޓްއެވެ. އެމްޑީޕީ އިން ވާދަކުރެއްވި
އަހްމަދު ރާޒީ އަށް ލިބިވަޑައިގަތީ 763 (%36.6) ވޯޓް އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި، މޫސާ ނަޞީރު އަޙުމަދު އަށް ލިބިވަޑައިގަތީ 31
(%1.5) ވޯޓް އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝަމީމް ޢަލީ އަށް
ލިބިވަޑައިގަތީ، 52 (%2.5) ވޯޓް އެވެ.

ވޯޓުލުން ކުރިއަށްދިޔަ ހުރިހާ މަރުކަޒެއްގަވެސް ވޯޓުލުން މިއަދު ހެނދުނު 8:00
ޖެހުމާއެކު ފެށުމަށް ވޯޓްފޮށި ހުޅުވާފައިވެއެވެ. އެހެންނަމަވެސް ވޭވަށުގައި
ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:08 ގައެވެ. 8:00 ޖެހިއިރު ވޭވަށު ވޯޓުފޮށި ހުޅުވި
ނަމަވެސް ވޯޓުލުމަށް މީހަކު އައިސްފައިވަނީ 8:08 ގައި ކަމަށް އިލެކްޝަންސް
ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ވޯޓުލުން މިއަދު ހަވީރު 4:00 ޖެހުމާއިހަމައަށް ކުރިއަށްގެންދެވުނެވެ.  ވޯޓު ގުނުމުގެ ކަންކަން ހަވީރު 4:30 އިން ފެށިގެން ކުރިއަށްގެންދިޔައިރު  މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކިއެކި މަރުކަޒްތަކުން ވަގުތީ ނަތީޖާތައް އިޢުލާންކުރަމުން ގެންގޮސް ހުރިހާ
ފޮއްޓެއްގެ ނަތީޖާތައް 6:00 ޖެހުމުގެ ކުރިން އިޢުލާންކޮށް ނިންމާފައެވެ.

ބައި
އިލެކްޝަން ނިމުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން
ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ އިލެކްޝަންގެ ކަންކަން ނިމިގެންދިޔައީ
ވަރަށް އޮމާންކޮށްކަމަށާއި ވޯޓްލުމަށް މީހުން ނެރުމުގައި ޕާޓީތަކުން އަދާކުރިރޯލް
ވަރަށްބޮޑަށް ފާހަގަކުރައްވާކަމަށެވެ. އަދި ކަންކަން ނިމިގެންގޮސްފައވަނީ ވަރަށް ކާމިޔާބުކޮށްކަމަށްވެސް
ވިދާޅުވިއެވެ.