ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޑިއާގެ އެމްބަސީ އެޅުމަށް ދޫކުރި ބިމުގައި ބިންގާ އަޅައިފިއެވެ.
އިންޑިއާ އެމްބަސީގެ ބިންގާ އަޅުއްވާދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސުބުރަމާނިއަމް ޖަޔަޝަންކަރާއި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.
އިންޑިއާ އެމްބަސީ އެޅުމަށް ކުރިން މާލެއިން ބިންދޫކޮށްފައިވަނީ ހެންވޭރު ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައެވެ. ނަމަވެސް މާލެއަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލަ ކުޑަކުރުމަށް މާލޭގައި އިތުރު ޢިމާރާތްތަކެއް ޢިމާރާތްނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިހާރު އިންޑިއާގެ އެމްބަސީ ހިންގަމުން އަންނަނީ އަމީރު އަޙްމަދު މަގުގައި ހުންނަ ހ.އަތިރީގެއާގޭގައެވެ. އިންޑިއާ ސަރުކާރުން ވަނީ ނިއުދިއްލީގައި ހުންނަ ދިވެހި އެމްބަސީ ޢިމާރާތްކުރުމަށް އެޤައުމުން ބިން ހަމަޖައްސައިދީފައެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ހުރި ބޭރު ޤައުމުތަކުގެ ހުރިހާ އެމްބަސީއެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށާއި، އެ އެމްބަސީތައް ޢިމާރަތްކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން މިހާރު ބިން ދޫކޮށްފައިވާކަމަށެވެ. އަދި އެ އެމްބަސީތައް އެ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި ޤާއިމްކުރާ އެމްބަސީތައް އެޅުމަށް ބިންދޫކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބައެެއް ޤައުމުތަކުން ރާއްޖޭގައި އެމްބަސީ ހެދުމަށް އެދެމުންދާކަންވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭރުގެ މިޝަންތަކާއި އެމްބަސީތައް ހުންނަނީ އެއް ސަރަހައްދެއްގައެވެ. އަދި ވިއެނާ ކޮންވެންޝަން ބުނާ ގޮތުން އެމްބަސީ އެޅުމަށް އެއް ޤައުމުން ބިންދޫކުރާނަމަ އަނެއް ޤައުމުންވެސް ބިން ދޭންޖެހެވެ.
އެނގިފައިވާ ގޮތުގައި ބޭރުގެ ހުރިހާ މިޝަންތަކާއި އެމްބަސީތައް ޤާއިމުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30 ހާސް އަކަފޫޓްގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
މާލޭގައި ހުރި އެމްބަސީތަކުގެ ތެރެއިން ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާނު، ސައުދީ އަދި ސްރީލަންކާ އެމްބަސީ ހިންގަމުން އަންނަނީ އާއްމުން ދިރިއުޅޭ ޢިމާރާތްތަކުގައެވެ.