ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވާނީ ދިވެހިންގެ ތަނެއްގެ ގޮތުގައި - ސިޓީ ކައުންސިލް


އާބާތުރަ ފިލުވުމަށް ވަގުތީގޮތުން ބަންދުކުރި ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވާއިރު އެތަނަކީ ހަމައެކަނި ދިވެހިންގެ ތަނަކަށް ހަދާނެކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޝަމާއު ވިދާޅުވީ މާރުކޭޓު މަރާމާތަށްފަހު އަލުން ހުޅުވޭއިރު އެތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. ޝަމާއު ވިދާޅުވީ މާރުކޭޓާއި ގުޅުންހުރި ތިން ސާވޭއެއް ހަދާފައިވާ ކަމަށާއި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބިދޭސީންގެ މައްސަލަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމަށް ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ޝަމާއު ދެއްވިއެވެ.

ޝަމާއު ވިދާޅުވީ މާރުކޭޓު އާބާތުރަ ފިލުވާ އަލުން ހުޅުވާއިރު ސިޓީ ކައުންސިލްގެ މައިގަނޑު މަގުސަދަކީ އެތަނުގައި ދިވެހިން ބޭއްތިއްބުމާއި ދިވެހި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ގިނަ ބަޔަކު ވަދެ އުޅޭތަނެއް ކަމުން ތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަކީވެސް އަމާޒެއްކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މާރުކޭޓު އަލުން ހުޅުވިގެންދާއިރު ވަކި ބަޔަކަށް ފައިދާ ނުވާނެހެން އެންމެންނަށް ފައިދާކުރާނެ ގޮތަކަށް ގޮޅިތައް ދޭން ނިންމާފައިވާކަމަށެވެ.

ސިޓީ ކައުންސިލުން ބުނާގޮތުން ވަގުތީ ކިޔާފައި މާލޭގައި ތަންތަން ބިނާކުރުން ހުއްޓާލާފައި ހުރިހާ ތަނަކީވެސް ދާއިމީ ތަންތަންކަމުގައި ހަދަން މަސައްކަތްކުރަމުންދާކަމަށެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓު ވަގުތީގޮތުން ބަންދުކޮށްފައިވާއިރު އެތަން ބަންދު ކުރުމަށް ނިންމާފައިވާކަން ސިޓީ ކައުންސިލުން ވަނީ ނިމިދިޔަ އޮގަސްޓްމަހުގައި ގޮޅިތައް ހިންގާ ފަރާތްތަކަށް އަންގާފައެވެ.

މާރުކޭޓު ވަގުތީ ގޮތުން ބަންދު ކުރެވިފައިވަނީ އެތަނުގެ އާބާތުރަ ފިލުވުމަށެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާރުކޭޓުގެ މަސައްކަތް ނުނިމުނުކަމުގައި ވިޔަސް ވީ އެންމެ އަވަހަކަށް ގޮޅިތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އަލުން އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި މާރުކޭޓުގެ މަސައްކަތަށް ގާތްގަނޑަކަށް ދެމަސްވަރު ނަގާނެކަމަށް ލަފާކުރެވޭކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.