ޚަބަރު

އެމޭޒޮން ޖަންގަލީގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ބްރެޒިލްގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ފަށައިފި


ބްރެޒިލްގެ އެމޭޒޮން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމޭޒޮން ޖަންގަލީގެ ގިނަ ސަރަޙައްދުތަކެއްގައި އަނދަމުންދާ އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިފައިވަނީ ބްރެޒިލްއިން ޙިއްސާކުރާ ޖަންގަލީގެ ސަރަޙައްދުތަކުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން، ބްރެޒިލްގެ ހަތް ސްޓޭޓަކަށް މި އަލިފާންގަނޑު ފެތުރިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އަލިފާންގަނޑު ނިއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ބްރެޒިލްގެ އަސްކަރިއްޔާއިން ބައިވެރިވުމަށް އެޤައުމުގެ ރައީސް ޖައީޚް ބޮލްސޮނާރޯ ޢަމުރުކުރައްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިއާއެކު، އަލިފާންގަނޑުތައް ނިއްވާލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ހަނގުރާމަމަތީ ވައިގެ އުޅަނދުތައް ބޭނުން ކުރަމުންދާކަމަށް ބްރެޒިލްގެ ދިފާޢީ ވުޒާރާއިންވަނީ ބުނެފައެވެ. އަދި އެ އުޅަނދުތައް ބޭނުންކޮށްގެން ގިނަ ޢަދަދެއްގެ ފެން އެއްފަހަރާ އަލިފާންގަނޑުގެ މައްޗަށް އޮއްސަމުންދާކަމަށް ބްރެޒިލްގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މި އަލިފާންގަނޑު މިހާތަނަށްވެސް ކޮންޓްރޯލްވެފައި ނުވާތީ ގިނަ ފަރާތްތަކެއްގެ ފާޑުކިއުން ބްރެޒިލްގެ ސަރުކާރަށްވަނީ އަމާޒުވެފައެވެ. އެމޭޒޮން ޖަންގައްޔަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ޖަންގައްޔެވެ. އަދި ދިރޭ އެއްޗެހި ބޭނުންކުރާ އޮކްސިޖަންގެ %20 އުފައްދަނީ މި ޖަންގަލިންނެވެ.