ޚަބަރު

އެމޭޒޮންގައި އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރަން އެއްބަސްވުމެއް ޤާއިމުކުރުމަށް ޖީ-ސެވަންގެ ޤައުމުތައް ތައްޔާރުވެއްޖެ


ސިނާޢީ ގޮތުން ދުނިޔޭގެ އެންމެ ބާރުގަދަ 7 ޤައުމު ޖީ-ސެވަންގެ ޤައުމުތަކުން، ބްރެޒިލްގެ އެމޭޒޮން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރަން އަޅާނެ ފިޔަވަޅުތަކާމެދު އެއްބަސްވުމެއް ޤާއިމުކުރުމާ ގާތްވެފައިވާކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމާނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

މިހާރުކުރިއަށްދާ ޖީ-ސެވަންގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަރަންސޭސިވިލާތުގެ ރައީސް މެކްރޯން ވިދާޅުވީ އެމޭޒޮންގައި އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން އަސަރުކޮށްފައިވާ ހުރިހާ ޤައުމަކަށް އެހީވުމަށް ޖީ-ސެވަންގެ ޤައުމުތަކުން ބޭނުންވާކަމަށާއި މި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ޕްލޭނެއް އެކުލަވާލުމާ ގާތްވެފައިވާކަމަށެވެ. ފަރަންސޭސިވިލާތުގެ ރައީސް މެކްރޯންވަނީ ތިން ދުވަހަށް ކުރިއަށްދާ ޖީ-ސެވަންގެ އިސްވެރިންގެ ބައްދަލުވުމުގައި އެޖެންޑާގެ އެންމެ ކުރިއަށް އެމޭޒޮން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑުގެ މައްސަލަ ހިމަނުއްވާފައެވެ.

ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކަށް އެމޭޒޮން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑު ފެތުރިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރަނީ ބްރެޒިލަށެވެ. ދުނިޔޭގެ އެންމެ ބިޔަ ޖަންގަލީގެ ގޮތުގައި ސިފަކުރެވޭ އެމޭޒޮން ޖަންގަލީގައި ރޯވެފައިވާ އަލުފާންގަނޑުތަކުގެ ޢަދަދު އެތައް ހާހަށް އަރާއެވެ. މި މައްސަލަ މިހާރުވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ތިމާވެށީގެ ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި އެމޭޒޮން ޖަންގައްޔަކީ "ދުނިޔޭގެ ފުއްޕާމޭ"އެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޭސް ރީސާޗް (އައިއެންޕީއީ) ބުނާގޮތުގައި އޮގަސްޓް ފަނަރައިގެ ފަހުން އެކަނިވެސް އެމަޒޮން ޖަންގަލީގައި 9،500 އަލިފާންގަނޑުވަނީ ރޯވެފައެވެ. ތިމާވެށީ ދިރާސާތައް ކުރާ ދުނިޔޭގެ ޢިލްމީ މަރުކަޒުތައް ބުނާގޮތުން އެމޭޒޮން ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކުން އަރާ ދުން، ދެކުނު އެމެރިކާ މަތިން އެތައް ހާސް ކިލޯމީޓަރަކަށް ފެތުރި، މުޅި ސަރަޙައްދުގެ ޖައްވު ދަނީ ތަޣައްޔަރުވަމުންނެވެ.

މި ދުންގަނޑުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ ހާލަތަށް ރިޢާޔަތްކޮށް ބްރެޒިލްގެ ބައެއް ސަރަޙައްދުތަކުގައި މިހާރުވަނީ ކުއްލި ހާލަތުވެސް އިޢުލާނުކޮށްފައެވެ.